15 Nov 2019, 20:43
ސްރީލަންކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާނީ 26 އިންޗީގެ ދިގު ވޯޓު ކަރުދާހެއް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިހާ ދިގު ވޯޓު ކަރުދާހެއް ބޭނުން ކުރަންޖެހިފައި ވަނީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ގިނަކަމުންނެވެ. މާދާމާގެ އިންތިހާބުގައި 35 ކެނޑިޑޭޓަކު ވާދަކުރެއެވެ.
މިއީ އެގައުމުގެ ތާރީހުގައިވެސް ބޭނުންކުރާ އެންމެ ދިގު ވޯޓު ކަރުދާހެވެ.
ކެނޑިޑޭޓުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕަލްސް ފްރޮންޓް ޕާޓީ (އެސްއެލްޕީޕީ)ގެ ފަރާތުން ވާދަކުރައްވާ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އާއި ބޮޑުވަޒީރު ވިކްރަމަސިންހަ އިސްކޮށް ހުންނަވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެންޑިޑޭޓު އަދި މިހާރު ހައުސިން މިނިސްޓަރުކަން ކުރައްވާ ސަޖިތު ޕްރޭމަދާސަ އެވެ.
އިންތިހާބުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އެންމެ ގާތުން ވާދަކުރައްވާނީ ގޯޓާބަޔަ އަދި ސަޖިތުއެވެ.
ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި އެގައުމުގެ އިންތިހާބުގައި ވޯޓުލުމަށް 15.9 މިލިއަން މީހުން ރެޖިސްޓާކޮށްފައިވެއެވެ. އަދި އިންތިހާބަށް 7.5 ބިލިއަން ރުޕީސް (41 މިލިއަން ޑޮލަރު) ހަރަދު ވާނެ ކަމަށް ލަފާ ކުރެވެއެވެ.
ލަންކާގައި ރައީސަކު ހޮވުމަށް އިންތިހާބު ބާއްވަނީ "ކޮންޓިންޖެންޓް ވޯޓް" ސިސްޓަމްގެ ދަށުންނެވެ. އެގޮތުން ވޯޓު ލާ މީހުން އެމީހުންނަށް އެންމެ ކަމުދާ ކެންޑިޑޭޓަކާއި ދެވަނައަށް އަދި ތިން ވަނައަށް އެންމެ ކަމުގެ ކެންޑިޑޭޓުން ފާހަގަކުރާނެއެވެ.
ވޯޓު ގުނުމުގައި ފުރަތަމަ ބަލާނީ، ވޯޓު ލި މީހުންނަށް އެންމެ ކަމުދާ ކަމަށް، އެންމެ ގިނައިން ފާހަގަކޮށްފައިވާ ވޯޓެވެ. އެގޮތަށް ގުނައިގެން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ވޯޓުތައް އަނެއްކާވެސް ގުނާނެއެވެ. އަދި އޭގެ ތެރެއަށް، އެ ކެންޑިޑޭޓަކީ ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓު ކަމަށް ބުނާ ވޯޓުތައްވެސް ދެވަނަ ފަހަރު އިތުރުކުރާނެއެވެ.
އެއަށް ފަހު އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓަކު ރައީސްކަމަށް އިންތިހާބު ވާނެއެވެ.
އެއިންތިހާބުގައި 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ކެންޑިޑޭޓަކަށް ލިބިއްޖެނަމަ ރައީސްކަން ކުރައްވާނެ ބޭފުޅަކު މާދަމާ ރޭ ނުވަތަ އާދިއްތަ ދުވަހު އެނގޭނެއެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ނުލިބޭ ނަމަ އިތުރު ދުވަހަކަށް ނަތީޖާ ލަސްވާނެއެވެ.