15 Nov 2019, 19:07
ބާލިން (ނޮވެމްބަރު 15): ޖަރުމަނުގައި ކުޑަކުދިންނަށް ހިމަބިހި ވެކްސިން ދިނުން ލާޒިމުކުރާ ބިލެއް އެގައުމުގެ ޕާލަމެންޓުން އިއްޔެ ފާސްކޮށްފި އެވެ.
މީސެލްސް ޕްރޮޓެކްޝަން އެކްޓުގެ ނަން ދީފައިވާ އާ ގާނޫނުގެ ދަށުން ޖަރުމަނުގައި ކުޑަކުދިން ސްކޫލަށް ވެއްދުމުގެ ކުރިން އެކުދިންނަށް ހިމަބިހި ވެކްސިންގެ ދެ ޑޯޒް ދީފައިވާކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. އަދި ޓީޗަރުންނާއި ސިއްހީ ދާއިރާއާއި ޑޭކެއާގައި މަސައްކަތްކުރާ މީހުންވެސް ވެކްސިން ޖަހާފައިވާކަން ޔަގީންކޮށްދޭން ޖެހޭނެއެވެ.
އެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ވެކްސިން ދޭން ދެކޮޅު ހަދާ ބެލެނިވެރިން 2،750 ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.
ޖަރުމަނުން އެ ފިޔަވަޅު އަޅަން ނިންމީ މިދިޔަ އަހަރުގެ މާޗް މަހާއި މިއަހަރުގެ ފެބްރުއަރީ މަހާ ދެމެދު ޔޫރަޕުގައި އެންމެ ގިނަ އަދަދަކަށް ހިމަބިހި ޖެހުނު ގައުމުތަކުގެ ތެރޭގައި އެގައުމު ހިމެނުނު ފަހުންނެވެ. އެގޮތުން އެމުއްދަތުގައި ޖަރުމަނުން 651 މީހަކަށް ހިމަބިހި ޖެހުނުކަމަށް ޔޫރަޕިއަން ސެންޓާ ފޯ ޑިޒީސް ޕްރިވެންޝަން އެންޑް ކޮންޓްރޯލްއިން ބުންޏެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހާއި އޮކްޓޯބަރު މަހު އެގައުމުގައި ހިމަބިހީގެ 510 މައްސަލައެއް ރެޖިސްޓާކޮށްފައިވާ ކަމަށްވެސް ޖަރުމަނުގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނާ ގޮތުގައި، އުމުރުގެ ސަބަބުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވުން ފަދަ ސަބަބުތަކާ ހެދި ވެކްސިން ނުޖެހޭނެ ފަރާތްތައްވެސް ހިމަބިހިން ރައްކާތެރިކުރުމަށްޓަކައި، ކޮންމެ 100 މީހެއްގެ ތެރެއިން 95 ޕަސެންޓު މީހުންނަށް ވެކްސިން ޖަހަން ޖެހެއެވެ.
ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ބޭރުވާ ތެތްކަން ނުވަތަ ތެތްތިކީގެ ޒަރީއާއިންނެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ނޭފަތުން ފެންއައިސް، ލޯރަތްވެ، އަނގައިގެ ތެރޭގައި ކުދިކުދި ހުދު ތިކިތަކެއް ޖެހުން ހިމެނެއެވެ.
ހިމިބިހިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ ވެކްސިން ޖެހުމެވެ. ނަމަވެސް ވެކްސިން ނުލިބުމުންނާއި ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް ބުނާ ސައްހަ ނޫން މައުލޫމާތު ގަބޫލު ކުރުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ފަހަކަށް އައިސް މަދުވެފަ އެވެ.
ހިމަބިހި ފެތުރުން ހުއްޓުވުމަށް ޖަހާ ވެކްސިންއިން އޯޓިޒަމް ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ބުނާ ދިރާސާއެއް ފުރަތަމަ ޕަބްލިޝް ކުރީ އިނގިރޭސި ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑް އިސްކޮށް ހުރި 12 މީހުންގެ ޓީމަކުންނެވެ. ލާންސެޓް ޖާނަލްގައި 1998 ވަނަ އަހަރު ޕަބްލިޝްކުރި އެ ދިރާސާގެ ސަބަބުން ހިމަބިހި ވެކްސިން ޖަހާ މީހުންގެ އަދަދު އިންތިހާއަށް މަދުވިއެވެ.
ނަމަވެސް ސައިންސުވެރިން ފަހުން ހެދި އެފަދަ ގިނަ އަދަދެއްގެ ދިރާސާތަކުން ވެކްސިން އާއި އޯޓިޒަމްއާ ގުޅުން ހުރިކަން ފާހަގަވެފައި ނުވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެ އެވެ. އަދި ވޭކްފީލްޑްގެ ދިރާސާ ތަހުގީގު ކުރި ނޫސްވެރިއަކު ވަނީ އެދިރާސާ ހެދުމުގައި އޭނާގެ މަސްލަހަތަށް ފުށޫ އަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެފައެވެ. އޭގެ ސަބަބުން އެދިރާސާގައި ވޭކްފީލްޑްގެ ނިންމުމަށް ތާއިދުކޮށް ވާހަކަދެއްކި 10 މީހަކު އެމީހުންގެ ބަސް އަނބުރާ ގެންދިޔައެވެ. އޭގެ ފަހުން ވޭކްފީލްޑްގެ މެޑިކަލް ލައިސެންސް ވަނީ އަތުލާފައެވެ.