ސްރީލަންކާގައި މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ސިޔާސީ ހަލަބޮލި ކަމާއި މިދިޔަ އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާތަކުން ގައުމަށް ލިބުނު ގެއްލުމުން އަދިވެސް އަރައިނުގަނެވެނީސް، އެގައުމުގެ ރައްޔިތުންނަށް ވަނީ އާ ރައީސަކު ހޮވަން ޖެހިފަ އެވެ.

ލަންކާގައި މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި 35 ކެންޑިޑޭޓުން ވާދަ ކުރައްވާނެ އެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހިމެނިވަޑައިނުގަންނަވަ އެވެ.

އެންމެ ފާހަގަކޮށްލެވޭ ކެންޑިޑޭޓުންނަކީ ކޮބާ؟

ގޯޓާބަޔަ ރާޖަޕަކްސަ

ގޯޓާބަޔަ ރާޖަޕަކްސަ އިންތިހާބުގައި ވާދަ ކުރައްވަނީ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްކޮށް ހުންނަވާ މައި އިދިކޮޅު ޕާޓީ ކަމަށްވާ ޕީޕަލްސް ފްރޮންޓް ޕާޓީ (އެސްއެލްޕީޕީ)ގެ ފަރާތުންނެވެ. މަހިންދަގެ 10 އަހަރުގެ ވެރިކަމުގައި ގޯޓާބަޔަ ވަނީ ޑިފެންސް މިނިސްޓަރުކަން ކުރައްވާފަ އެވެ. އަދި އެދެ ބޭފުޅުން ވަނީ ލަންކާގެ 26 އަހަރުވީ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ.

ކުރިއަށް އޮތް އިންތިހާބުގެ ކެމްޕެއިންގައި ގޯޓާބަޔަ އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ ދީނީ ހައްދުފަހަނައެޅުން ހުއްޓުވުމާއި ގައުމީ ސަލާމަތް ރައްކާތެރި ކުރުމާ ގުޅުން ހުރި ވައުދުތަކަށެވެ. އެހެންކަމުން ލަންކާގެ އާބާދީގެ 70 ޕަސެންޓު ހިއްސާ ކުރާ ސިންހަލަ ނަސްލުގެ ބުދު ދީނުގެ މީހުންގެ ތެރެއިން ގިނަ މީހުން ތާއިދު ކުރަނީ އޭނާއަށެވެ.

ގޯޓާބަޔަގެ ރިޔާސީ ކެމްޕޭނުގައި ބޭބެފުޅު މަހިންދަ ރާޖަޕަކްސަ އިސް ދައުރެއް އަދާ ކުރައްވާ -- ފޮޓޯ: ރޮއިޓާސް

ނަމަވެސް ގޯޓާބަޔަގެ މައްޗަށް ވަނީ ހަނގުރާމައިގެ ތެރޭގައި ތަމަޅަ ރައްޔިތުންނާ ދެކޮޅަށް ޖަރީމާތައް ހިންގިކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި ހަރުކަށި ބުދުދީނުގެ ޖަމާއަތް ބޮޑު ބަލަ ސޭނާއާ އޭނާއާ ގުޅުން އޮންނަ ކަމުގެ ހެކިވެސް ވަނީ ފެންމަތިވެފަ އެވެ. އެހެންކަމުން ގިނަ ތަމަޅައިންނާއި މުސްލިމުން ގޯޓާބަޔައަށް އިތުބާރު ނުކުރެ އެވެ. އަދި އޭނާ އިންތިހާބުވެއްޖެ ނަމަ ގައުމުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އެފަރާތްތަކުން ބުނެ ކުރެ އެވެ.

ސަޖިތު ޕްރޭމަދާސަ

ލަންކާގެ އަށް ވަނަ ރިޔާސީ އިންތިހާބުގައި ގޯޓާބަޔަ ރާޖަޕަކްސައާ އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ބޮޑުވަޒީރު ވިކްރަމަސިންހަ އިސްކޮށް ހުންނަވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ކެންޑިޑޭޓު އަދި މިހާރު ހައުސިން މިނިސްޓަރުކަން ކުރައްވާ ސަޖިތު ޕްރޭމަދާސަ އެވެ.

ޕްރޭމަދާސައަކީ ސްރީލަންކާގައި 1989 ވަނަ އަހަރުން ފެށިގެން މެއި 1993 އާ ހަމައަށް ރައީސްކަން ކުރެއްވި ރަނަސިންހަ ޕްރޭމަދާސަގެ ދަރިކަލުންނެވެ. ރަނަސިންހަ ޕްރޭމަދާސައަކީ ލަންކާގައި "ދަށް ފަންތި"އެއް ކަމަށް ދެކޭ ދޯބީ ކާސްޓަށް ނިސްބަތްވި ފުރަތަމަ ރައީސެވެ. އެހެންކަމުން ސަޖިތު ޕްރޭމަދާސަ ވަނީ އޭނާއަކީ ބައްޕާފުޅެކޭ އެއްގޮތަށް، އާއްމު ރައްޔިތުންގެ އިހުސާސުތައް ދަންނަ ބޭފުޅެއްގެ ގޮތުގައި ކެމްޕެއިން ކުރައްވާފަ އެވެ. އަދި އޭނާއަށް ވަނީ ލަންކާގެ އާބާދީގައި މައިނޯރިޓީ އޮންނަ ފަރާތްތަކުގެ ތާއިދު ލިބިފަ އެވެ.

ނަމަވެސް ޕްރޭމަދާސައަކީ އޭޕްރިލް 21ގައި ލަންކާއަށް ދިން ބޮމުގެ ހަމަލާތައް ހުއްޓުވުމަށް ފެއިލްވި ސަރުކާރުގެ މެމްބަރެކެވެ. އެހަމަލާތައް ތަހުގީގު ކުރި ޕާލިމެންޓު ކޮމިޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން، ހަމަލާތައް ނުހުއްޓުވުނު އެއް ސަބަބަކީ ސަރުކާރުގެ އިސް އޮފިޝަލުންގެ މެދުގައި ހުރި މުވާސަލާތީ މައްސަލަތަކެވެ. އަދި އެމައްސަލަތައް އުފެދެނީ ރައީސާއި ބޮޑުވަޒީރުގެ ކޯޅުންގަނޑުގެ ސަބަބުންނެވެ.

ޕްރޭމަދާސަ ވާދަ ކުރައްވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީގެ ފަރާތުން -- ފޮޓޯ: ރޮއިޓާސް

ޕްރޭމަދާސަގެ ކެމްޕެއިންގައި އެންމެ ބޮޑު އިސްކަމެއް ދެއްވާފައި ވަނީ އިގުތިސާދީ އިސްލާހުތަކަށާއި ކޮރަޕްޝަން ހުއްޓުވުމަށާއި އާއްމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމާ ގުޅުން ހުރި ވައުދުތަކަށެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކަކީ ކޮބާ؟

ލަންކާގައި މިއަހަރު ދިން ބޮމުގެ ހަމަލާތަކަށް ފަހު އެގައުމުގެ ރައްޔިތުން މިހާރު އެންމެ ބޮޑަށް ބޭނުންވެފައި ތިބީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް، ހަމަޖެހުން ގެނެސްދޭނެ ލީޑަރެކެވެ. އެގައުމުގައި މިހާރު ނިމިގެންދާ ސިރިސޭނާގެ ސަރުކާރު ފާހަގަ ކުރެވިފައި ވަނީ ދެބަސްވުންތައް ގިނަ އަދި ނަތީޖާ ނުނެރެވޭ ސަރުކާރެއްގެ ގޮތުގަ އެވެ. އެހެންކަމުން ލަންކާގެ ރައްޔިތުން ތިބީ ސަރުކާރު އަމާން އޮމާންކޮށް ހިންގާ، ގައުމަށް ކުރިއެރުން ގެނެސްދޭނެ ލީޑަރެއްގެ އިންތިޒާރުގަ އެވެ.

މީގެ އިތުރުން ގައުމުގެ ދަރަނި ބޮޑުވުމާއި އިގުތިސާދީ ދުވެލި ލަސްވުމަކީވެސް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ. އެގޮތުން އެގައުމުގެ ބޭރުގެ ދަރަނި 34.4 ބިލިއަން ޑޮލަރަށް އަރާފައިވާ އިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާ ކުރާ ގޮތުގައި މިއަހަރު އެގައުމުގެ އިގުތިސާދު ކުރިއަރާނީ އެންމެ 2.7 ޕަސެންޓަށެވެ.

މާދަމާގެ އިންތިހާބާ ދިމާކޮށް ލަންކާގައި ރަސްމީކޮށް ހިޔާލު ހޯދުމުގެ ވޯޓުތައް ނަގާފައި ނުވި ނަމަވެސް، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލައި، ސިޔާސީ އޮބްޒާވަރުން ލަފާ ކުރާ ގޮތުގައި އިންތިހާބުގައި ކުރި ހޯދާނެ ކަމަށް ލަފާ ކުރެވެނީ ބަހާއި އަމަލުންވެސް ވަރުގަދަ ކަމަށް ގިނަ ބަޔަކު ބަލައިގަންނަ ގޯޓާބަޔަ އެވެ.

ލަންކާގައި އޭޕްރިލް މަހު ދިން ބޮމުގެ ހަމަލާތަކުން ލިބުނު ގެއްލުމުން އެގައުމަށް އަދިވެސް އަރައިގަނެވިފައި ނުވޭ -- ފޮޓޯ: ގެޓީ

އިންތިހާބު ކުރިއަށްދާނެ ގޮތަކީ ކޮބާ؟

ލަންކާގައި ރައީސަކު ހޮވުމަށް އިންތިހާބު ބާއްވަނީ "ކޮންޓިންޖެންޓް ވޯޓް" ސިސްޓަމްގެ ދަށުންނެވެ. އެގޮތުން ވޯޓު ލާ މީހުން އެމީހުންނަށް އެންމެ ކަމުދާ ކެންޑިޑޭޓަކާއި ދެވަނައަށް އަދި ތިން ވަނައަށް އެންމެ ކަމުގެ ކެންޑިޑޭޓުން ފާހަގަ ކުރާނެ އެވެ.

އެވޯޓު ގުނުމުގައި ފުރަތަމަ ބަލާނީ، ވޯޓު ލި މީހުންނަށް އެންމެ ކަމުދާ ކަމަށް، އެންމެ ގިނައިން ފާހަގަކޮށްފައިވާ ވޯޓެވެ. އެގޮތަށް ގުނައިގެން އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ނުލިބިއްޖެ ނަމަ، އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ވޯޓުތައް އަނެއްކާވެސް ގުނާނެ އެވެ. އަދި އޭގެ ތެރެއަށް، އެ ކެންޑިޑޭޓަކީ ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓު ކަމަށް ބުނާ ވޯޓުތައްވެސް ދެވަނަ ފަހަރު އިތުރު ކުރާނެ އެވެ.

އެއަށް ފަހު އެންމެ ގިނައިން ވޯޓު ލިބުނު ކެންޑިޑޭޓަކު ރައީސްކަމަށް އިންތިހާބު ވާނެ އެވެ.

އެއިންތިހާބުގައި 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ކެންޑިޑޭޓަކަށް ލިބިއްޖެ ނަމަ ރައީސްކަން ކުރައްވާނެ ބޭފުޅަކު މާދަމާ ރޭ ނުވަތަ އާދިއްތަ ދުވަހު އެނގޭނެ އެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ނުލިބޭ ނަމަ އިތުރު ދުވަހަކަށް ނަތީޖާ ލަސްވާނެ އެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުގައި އެގައުމުގެ އިންތިހާބުގައި ވޯޓުލުމަށް 15.9 މިލިއަން މީހުން ރެޖިސްޓާކޮށްފައިވެ އެވެ. އަދި އިންތިހާބަށް 7.5 ބިލިއަން ރުޕީސް (41 މިލިއަން ޑޮލަރު) ހަރަދު ވާނެ ކަމަށް ލަފާ ކުރެވެ އެވެ.