15 Nov 2019, 14:19
އިލެކްޓްރޯނިކް ގޭމްތައް ކަމަށްވާ "ޕަބްޖީ" އާއި "ފޯޓްނައިޓް" ފަދަ ގޭމްތަކުން ޒުވާނުން ދުރުވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
މިއަދުގެ ހުކުރު ހުތުބާ އަމާޒުކޮށްފައިވަނީ "ﷲ" ހަނދުމަކުރުމުން އެއްކިބާ ކުރުވާ ކޮންމެ ކަމަކުން ދުރުހެލިވުން" މި މައުލޫއަށެވެ. އެ މައުލޫގެ ދަށުން ހުތުބާ އިއްވަމުން އިމާމް ވިދާޅުވީ، ޕަބްޖީ ފަދަ އިލެކްޓްރިކް ގޭމްތަކުން އެކި ކަހަލަ ގެއްލުން ލިބޭ ކަމަށެވެ.
ހުތުބާގައި ބުނީ ޕަބްޖީ ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބުތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުމުގެ އިތުރުން ވަރަށް ގިނަ ތަފާތު ގެއްލުންތަކެއް ކުރިމަތިކުރުވާ ގޭމްތަކެއް ކަމަށެވެ.
އެ ސަބަބުތަކާ ހުރެ އެފަދަ ގޭމުތައް ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި މަނާކޮށްފައިވާ ކަން ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.
އިލެކްޓްރިކް ބައެއް ގޭމްތަކަކީ އިސްލާމްދީނުގެ އަގީދާ ފުނޑުފުނޑުކޮށްލާ ފަދަ ގޭމްތަކެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ. އެގޮތުން އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރިކަމަކީ އެ ކުޅޭ މީހާ އަޅުވެތިކޮށްލުން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން އިންސާނާގެ އަގުހުރި ވަގުތުތައް ބޭކާރުކޮށްލުމާއި މާތް ﷲ އަށް އަދާކުރަން ޖެހޭ ފަރުޟުތަކުން ދުރުކުރުމަކީވެސް އެފަދަ ގޭމްތަކުގެ ސަބަބުން ވާނޭ ކަންތައްތައް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެ އެވެ.
"ބައެއް ދަރިވަރުން ފިލާވަޅު ދަސްކުރަން އޮންނަ ވަގުތު ގޭމު ކުޅެން ހޭދަކުރުމުގެ ސަބަބުން، މަދަރުސީ ދައުރު ފުރިހަމަ ނުވަނީސް ސްކޫލުން ވަކިވާން ޖެހޭކަމީ ހިތާމަހުރި ކަމެކެވެ." މިއަދުގެ ހުތުބާގައި ބުނެފައިވެ އެވެ.
ބައެއްގޭމްތަކަކީ ރަށްޓެހިންނާ ގުޅުން ކެނޑި މުޖުތަމައިން މީހާ އެކަހެރިކޮށްލާ އެއްޗެއްގެ ގޮތުގައިވެސް ހުތުބާގައި ވަނީ ސިފަކޮށްފަ އެވެ.