ރަހުމުކުޑަ ގޮތަކަށް ހަމަލަދީ އަވާހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ގޮތުން ކޮމިޝަނުން އެކުލަވާލި ރިޕޯޓް ހޯދުންތައް ގަބޫލު ނުކުރެވޭ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ، ޓީވީއެމްގައި ދީނީ ޕްރޮގްރާމެއް ޝޫޓުކުރެއްވުމަށްފަހު ގެއަށް ވަޑައިގަތްތަނާ، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިމަތިން އެވެ.

އެ މަރުގެ ފަހަތުގައި ތިބީ ދީނީ ގޮތުން އޭނާއާ ހިޔާލު ތަފާތުވެފައި ތިބި ބަޔަކު ކަމަށް، ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެ މައްސަލައިގައި ހިންގި ތަހުގީގަށްފަހު އެކުލަވާލި ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

އެ ކަމާއި ގުޅިގެން ޑރ. އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ބޭބެ އަބްދުއްނާސިރު އަލީ 'ސަން' އަށް މިއަދު ވިދާޅުވީ، އެ މަރަކީ ސިޔާސީ ކަމެއް ކަމަށް އަދިވެސް އާއިލާއިން ގަބޫލު ކުރާ ކަމަށެވެ. އެހެންވެ، އެކަމުގެ އަޑީގައި ތިބި މީހުން ހޯދޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކަމުގެ ހަގީގަތް ދުނިޔެމަތީގައި ހޯދިދާނެ ކަމަށް އުންމީދު ނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސަބަބަކީ ރާއްޖޭގެ އެއްވެސް ތަނެއްގައި އަދުލު އިންސާފާއި ނަޒާހަތްތެރިކަން އޮވޭދާނެ ކަމާއި މެދު ވެސް ސުވާލު އުފެދޭތީ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ބަލާ ރިޔާސީ ކޮމިޝަނަށް ވެސް އިތުބާރު ނެތް ކަން އަބްދުއްނާސިރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމުގެ ހަގީގަތް ހޯދުމުގެ ނަމުގައި ރިޔާސީ ކޮމިޝަނުން ކުރަމުން ދަނީ ބޭކާރު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ނުހައްގުން ބަޔަކަށް އަނިޔާއެއް ލިބުމަށް ނޭދޭ ކަމަށެވެ.

"އޭގެ ތެރެއަށް ދީނީ ބައެއް ވަދެގެން އުޅޭ އުޅުމަކީ ސިޔާސީ ބައެއް ވައްދައިގެން އުޅޭ ބައެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަސްލު އަފްރަޝީމްގެ މަރަކީ ސިޔާސީ ގޮތުން ހިނގާފައިވާ ކަމެއް ގޮތަށް ބޮޑަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އަބްދުއްނާސިރު ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ކޯޓުގެ ހުރިހާ މަރުހަލާއަކުން ވަނީ އެ ހުކުމް ދަމަހައްޓާފަ އެވެ. އަދި ހުމާމްއާ އެކު ދައުވާ ކުރި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ނަމަވެސް ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފެނިފައިވާ ގޮތުން އަލީ ޝާން ވަނީ ހުމާމްއާއެކު އެ ހަމަލާ ދިނުމުގައި ބައިވެރިވެފަ އެވެ. އަދި އެ ދެ މީހުންނާއެކު އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށްވެސް ދައުވާކުރި އިރު، އޭނާގެ ބައިވެރިވުންވެސް އޮތްކަން ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

"ދެން ހުމާމު އަފްރާޝީމްއަށް އެފަދަ ހަމަލާއެއް ދޭން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑު ވިސްނާ ވިސްނާ ވެސް ނޭންގުނު. އޭނާ އަޅުގަނޑު ކައިރީގައި ކުރިން ވެސް ދެއްކި ވާހަކަ އަކީ ހަތަރު މިލިއަން ރުފިޔާއަށް ތިމަންނާ ކޮށްދިން މަސައްކަތެކޭ މިއީ. އެހެންވީމާ އެނގޭތާ އޭނަގޭ ބޭނުމެއް ނެތް ކަން،" އަބްދުއްނަސީރު ވިދާޅުވި އެވެ.

އެ މަރާ ގުޅޭ ރިޔާސީ ކޮމިޝަނުގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކޮށްފައިވާ އިރު، ބުދަ ދުވަހު ރައީސް ވަނީ އެ ރިޕޯޓު ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް، ޕްރޮސެކިއުޓާ ޖެނެރަލް، އެޓާނީ ޖެނެރަލް، ފުލުހުން އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރާ އެ ރިޕޯޓް ވަނީ ހިއްސާކޮށްފަ އެވެ.