އިންސާނާއަށް ލިބޭ ހަގީގީ ހިތްހަމަޖެހުމަކީ ތިމާގެ ފަރާތުން އެހެން މީހަކަށް ހިތްހަމަޖެހުން ފޯރުކޮށްދެވޭ ކަމުގެ އިހުސާސް ކުރެވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ދ. ބަނޑިދޫ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފު ދައްކަވަމުން ސިޔާމް ވިދާޅުވީ ހިތްހަމަޖެހުން ގުޅިފައި ވަނީ ފައިސާ އާއި މުއްސަނދިކަމާއި ބާރުވެރިކަން ނޫން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި އެ ހިތްހަމަޖެހުން ލިބޭނީ އެހެން މީހަކަށް ތިމާގެ ފަރާތުން ހިތްހަމަ ޖެހޭ ފަދަ ކަމެއް ކޮށްދިނުމުން ކުރެވޭ އިހުސާސުން ކަމަށް ވިދާޅުވި އެވެ.

އަދި އެ ނޫން ގޮތަކަށް ހިތްހަމަޖެހުމެއް ނާންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ހިތްހަމަޖެހުމެއް ހޯދުމާ ގުޅޭ ގޮތުން އިޝާރަތްކުރައްވައި ސްކޫލު ދަރިވަރުންނާ މުހާތަބު ކުރައްވައި ސިޔާމް ވިދާޅުވީ ރަނގަޅު އަހުލާގަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ހެޔޮކޮށް އަމަލުތައް ބެހެއްޓުމުގެ މުހިންމުކަމަށް ވެސް އަލިއަޅުއްވާލެއްވި އެވެ.

"ތިމާ ކުރި ކަމެއްގެ ނުބައިކަން ތިމާ ކައިރިއަށް އަންނާނެކަން ހަނދާން ކުރާތި. އެހެން މީހަކަށް ގެއްލުމެއް ދިނީ، އެހެން މީހަކަށް މަކަރާއި ހީލަތް ހެދީ، އޭގެ ސަބަބު ކުއްޖަކަށް ލަހެއް ފަހެއް ނެތި [އެކަން އެނބުރި] އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރަށެއްގެ އެންމެ މުހިންމު އެއް ކަމަކީ އެއްބައިވަންތަކަން ކަމަށެވެ. އަދި އެއްބައިވަންތަކަން ނެތް ނަމަ އަޚުވަންތަކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެއްބައިވަންތަކަމަކީ މުހިންމު ކަމެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.