ދެހާސް ބާރަވަނަ އަހަރު ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމުގެ ފަހަތުގައި ތިބީ ދީނީ ގޮތުން އޭނާއާ ހިޔާލު ތަފާތުވެފައި ތިބި ބަޔަކު ކަމަށް ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެ މައްސަލައިގައި ހިންގި ތަހުގީގަށްފަހު ނެރުނު ރިޕޯޓުން ހާމަވެއްޖެއެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ، ޓީވީއެމްގައި ދީނީ ޕްރޮގްރާމެއް ޝޫޓުކުރެއްވުމަށްފަހު ގެއަށް ވަޑައިގަތްތަނާ، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިގޮޅިތެރެއިންނެވެ.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓު މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ހިއްސާ ކޮށްފައިވާ އިރު، ރައީސް އިއްޔެ ވަނީ އެ ރިޕޯޓު ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް، ޕްރޮސެކިއުޓާ ޖެނެރަލް، އެޓާނީ ޖެނެރަލް، ފުލުހުން އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރާ އެ ރިޕޯޓު ހިއްސާކޮށްފައިވެއެވެ.

އެ ރިޕޯޓުގައި ހިމެނޭ ބައެއް ކަންކަން ސޯޝަލް މީޑިއާއާއި ނޫސްމީޑިއާގައި މިހާރު ވަނީ ފެތުރިފައެވެ. ރިޕޯޓާ ހަވާލައިދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން، އަފްރާޝީމަށް ދިން ހަމަލާ ރޭވީ ހ. ހިލްޓަން އަޒްލިފް ރައޫފެވެ. އަދި އެ އަމަލު ހިންގުމަށް އަޒްލިފްއާ ހަވާލުކުރީ އަފްރާޝީމްއާ ދީނީ ގޮތުން ހިޔާލު ތަފާތުވެފައި ތިބި ބައެކެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ކޯޓުގެ ހުރިހާ މަރުހަލާއަކުން ވަނީ އެ ހުކުމް ދަމަހައްޓާފައެވެ. އަދި ހުމާމްއާ އެކު ދައުވާ ކުރި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)ގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ.

ނަމަވެސް ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ފެނިފައިވާ ގޮތުން އަލީ ޝާން ވަނީ ހުމާމްއާއެކު އެ ހަމަލާ ދިނުމުގައި ބައިވެރިވެފައެވެ. އަދި އެ ދެ މީހުންނާއެކު އޭރު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށްވެސް ދައުވާކުރި އިރު، އޭނާގެ ބައިވެރިވުންވެސް އޮތްކަން ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ހާމަވެފައިވާކަމަށް ރިޕޯޓާ ހަވާލައިދީ މީޑިއާ ރިޕޯޓުތަކުގައި ވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާގެ ތަހުގީގު ހިނގަމުން ދަނިކޮށް، އެކަމުގައި ބައިވެރިވެ އިސް ދައުރެއް އަދާކުރިކަމަށް ތުހުމަތުވާ ހ. ހިލްޓަން އަޒްލިފް ރައޫފް 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ގޮސްފައިވެއެވެ. އަދި ފަހުން އޭނާ ސީރިއާގައި ހަނގުރާމަކޮށް މަރުވިކަމަށްވެސް ޚަބަރު ފެތުރުނެވެ. ނަމަވެސް މިކަން ރަސްމީކޮށް ޔަގީންވެފައެއް ނުވެއެވެ.