ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ދަނޑުވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޓަކައި ކުންފުންޏެއް ހެދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޓަކައި އިކޮނޮމިކް މިނިސްޓްރީ އާ ގުޅިގެން ދަނީ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދަނޑުވެރިންގެ އުފެއްދުންތައް ރަނގަޅަށް މާކެޓު ނުކުރެވޭހާ ހިނދަކު އެއިން އެންމެ އެދެވޭ މަންފާ ލިބިގެން ނުދާނެ ކަމަށެވެ.

"އެކަން [ދަނޑުވެރިންގެ އުފެއްދުންތައް މާކެޓުކުރުން] ކުރުމަށް ޓަކައި މިި ކުންފުނި އުފެދި މަސައްކަތްތައް ކުރިއަށް ދާނީ،" މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.

އެ ކުންފުނީގެ ދަށުން ކަލެކްޝަން ސެންޓަރުތަކެއް ހެދިގެންދާނެ ކަމަށާއި އެކުންފުނީގެ މައިގަނޑު ގޯލަކީ ދަނޑުވެރިކަން ރަނގަޅު ސިސްޓަމަކުން ގުޅުވާލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު އިޝާރާތްކުރެއްވި އެވެ.

"މިހާރު ހަގީގަތުގައި ދަނޑު ހައްދާ މީހުންނަށް، ވިޔަފާރީގައި އުޅޭ މީހުންނަށް މި ވިއްކާލާފައި ހަގީގީ ފައިދާއެއް ނުލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ބައެއް ތަކެތީން ޑިއުޓީ ކަނޑާލިކަމާ ގުޅިގެން ވެސް މިނިސްޓަރު ވާހަކަދެއްކެވި އެވެ. މިނިސްޓަރު ޒަހާ ވިދާޅުވި ގޮތުގައި ޑިއުޓީ މައާފު ކޮށްދިން ނަމަވެސް ދަނޑުވެރިންނަށް އޭގެ ސަބަބުން އެންމެ އެދެވޭ މަންފާ ލިބޭ މަންޒަރު ނުފެނެ އެވެ.

އެހެންކަމުން އެ ނޫން ގޮތަކަށް ދަނޑުވެރިންނަށް މަންފާ ވާނެ ނިޒާމެއް ކަނޑައެޅުމަށް އެސްޓީއޯއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.