22 Nov 2011, 09:02
ޤާހިރާ (ނޮވެމްބަރ 22) : މިސްރުގައި މިހާރު ހިނގަމުންދާ ގަޑުބަޑުތަކުން ޤައުމު ސަލާމަތް ކުރުމަށްޓަކައި މިސްރު ސަރުކާރާއި ސިޔާސީ ހުރިހާ ފަރާތްތަކާ ދެމެދު ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރުމަށް އެޤައުމުގައި ވަގުތީ ގޮތުން ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލީހުން ގޮވާލައިފިއެވެ.
ޢަސްކަރީ މަޖިލީހުންބުނީ މިސްރަށް މިހާރުކުރިމަތިވެފައިވަނީ ސިޔާސީ މައްސަލަތަކެއް ކަމަށާއި ސަރުކާރާއި ސިޔާސީ ހުރިހާ ފަރާތްތަކާ ދެމެދު ފުޅާދާއިރާއެއްގައި މަޝްވަރާތައް ފެށުމަކީ މިހާރުން މިހާރަށް ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމުގައެވެ. ވޭތުވެދިޔަ އަށެއްކަ ދުވަހުގެ ތެރޭގައި ޤާހިރާގެ މައިދާނުއްތަޙްރީރަށް އެކިފަހަރުމަތިން ރައްޔިތުންއެއްވެ ޢަސްކަރީ މަޖިލީހާ ދެކޮޅަށްކުރި އިޙްތިޖާޖްތައް މައިތިރިކުރުމަށްޓަކައި ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމުން 33 މީހަކު މަރުވެ އެތަށް ސަތޭކަބަޔަކު ޒަޚަމްވުމުން މިސްރުގެ ދާޚިލީ މަސްރަޙްވަނީ ވަރަށް ނުރައްކާވެފައެވެ. މިމައްސަލާގައި މިސްރުގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ޢިސާމް ޝަރަފްއާއި އޭނާގެ ކެބިނެޓްވަނީ އިސްތިޢުފާދީފައެވެ. ނަމަވެސް އިސްތިއުފާ ޤަބޫލުކުރުމަށް ޢަސްކަރީ އެންމެ މަތީ މަޖިލީހުންވަނީ ދެކޮޅުހަދާފައެވެ.
ޢިސާމް ޝަރަފްގެ ސަރުކާރުގެ އިސްތިއުފާ ޤަބޫލުކުރުމަށް ޢަސްކަރީ މަޖިލީހުން ދެކޮޅުހެދީ އެކަމުގެ ސަބަބުން މިމަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މިސްރުގެ ބަރުލަމާނީ އިންތިޚާބަށް ހުރަސްއެޅި އަދި އިންތިޚާބު ލަސްކުރަންޖެހިދާނެ ކަމުގެ ބިރުއޮތުމުން ކަމަށް އެމަޖިލީހުން ބުނެއެވެ. އިސްތިއުފާ ދެއްވުމުގެކުރިން ދެއްވި ބަޔާނެއްގައި ބޮޑުވަޒީރު ޢިސާމް ޝަރަފްވަނީ ކަނޑައެޅިފައިވާ ތާރީޚުގައި ބަރުލަމާނީ އިންތިޚާބުގެ ކަންތައް ކުރިޔަށްދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިސްރުގެ އެތަށް ލައްކަބަޔަކު ޤާހިރާގެ މައިދާނުއްތަޙްރީރަށް އެއްވެ ވޭތުވެދިޔަ އަށެއްކަ ދުވަހު މުޒާހަރާކޮށް އިޙްތިޖާޖްތައް ކުރަމުން ގެންދިޔައީ ޢަސްކަރީ އެންމެމަތީ މަޖިލީހުން މިސްރުގެ ވެރިކަމަށް އަތްގަދަކުރަން މަސައްކަތްކުރާ ކަމަށް ބުނެއެކަމާދެކޮޅު ހެދުމުގެ ގޮތުންނެވެ. މިސްރުގެ ވެރިކަން ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސަކާ ޙަވާލުކުރުމުގެ ކަންތައް (ރިޔާސީ އިންތިޚާބުގެ ކަންތައް) ޢަސްކަރީ މަޖިލީހުން ގަސްދުގައި ލަސްކުރަމުން ގެންދާކަމަށް މައިދާނުއްތަޙްރީރުގައި އިޙްތިޖާޖްކުރި ޢާންމުންނާއި އެކްޓިވިސްޓުން ތުހުމަތުކޮށްފައިވެއެވެ.
މިސްރުގައި މިމަހުގެ 28 ގައި ބަރުލަމާނީ އިންތިޚާބެއް ބާއްވައިގެން ރައްޔިތުންގެ މަޖިލިސް އިންތިޚާބުކުރިނަމަވެސް މިސްރުގެ ނިޒާމަކީ ރިޔާސީ ނިޒާމަކަށްވާތީ ތަންފިޒީ ހުރިހާ ބާރުތަކެއް އޮންނާނީ ރައްޔިތުން އިންތިޚާބުނުކުރާ ޢަސްކަރީ އެންމެމަތީ މަޖިލީހުގެ އަތްދަށުގައެވެ. މިސްރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުކަމަށް ބެލެވިފައިވީ ނަމަވެސް މިކަމަށް ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެއްބަސްވާ ތާރީޚެއް އަދި ކަޑައެޅިފައެއް ނުވެއެވެ.
އަނެއްކޮޅުން މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބަރުލަމާނީ އިންތިޚާބުވެސް ކަނޑައެޅިފައިވާ ތާރީޚުގައި ނުބޭއްވިދާނެކަމުގެ ބިރު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ގެންދަނީ އިޙްސާސް ކުރަމުންނެވެ. -- އަލްޖަޒީރާ