19 Jun 2010, 11:15
14:00
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ވެސް ފޯރިގަދަ ތިން މެޗެއް ފެނިގެން ދާނެ އެވެ. މީގެ ތެރެއިން ރާއްޖެ ގަޑިން 4.30 ގައި ހޮލެންޑާއި ޖަޕާން ބައްދަލުކުރާ މެޗަކީ ދެ ޓިމަށް ވެސް ދެ ވަނަ ބުރަށް ދިއުމަށްޓަކައި މުހިއްމު މެޗެކެވެ. މިމެޗާ ކުރިމަތިލާއިރު ޖަޕާންގެ ކުޅުންތެރިނަށް ލިބިފައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިގްރޫޕްގައި އެޓީމު އެންމެ ފަހުން ކުޅުނު މެޗުން އެފްރިކާގެ ގަދަ ބާރެއް ކަމަށް ބެލެވޭ ކެމަރޫން އަތުން މޮޅުވެފައިވުމެވެ. މިއީ މިދެޓީމު ދިހަ މަސް ދުވަހުގެ ތެރޭގައި ބައްދަލުކުރާ ދެވަނަ ފަހަރު. އެކުވެރިކަމުގެ މިމެޗުގައި ތިނެއް ސުމަކުން މެޗު ކާމިޔާބުކޮށްފައި ވަނީ ހޮލެންޑްގެ ޓީމެވެ.
މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމު ގާނާ މިރޭ ނިކުންނާނީ އޭޝިޔާގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް. އޮސްޓްރޭލިޔާ އާއި ވާދަކުރާ މިމެޗުން މިރޭ ގާނާ މޮޅުވެއްޖެ ނަމަ ދެވަނަ ބުރަށް ދާނެ އެވެ. އޮސްޓްރޭލިޔާ ބަލިވެއްޖެ ނަމަ އޮސްޓްރޭލިޔާ ޖެހޭނީ މުބާރާތުން އަލްވަދާއު ކިޔާށެވެ. މިމެޗަށް ނިކުންނައިރު އޮސްޓްރޭލިޔާއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމުގައިވާ އިގިރޭސިވިލާތުގެ އެވަޓަންއަށް ކުޅެމުން އަންނަ ޓިމް ކާރހިލް އަށް އެންމެ ފަހުން ކުޅުނު ޖާމަނީ މެޗުގައި ރަތް ކާޑު ދެއްކުމުން އެއްމެޗަށް ސަސްޕެންޑް ވެފައިވުމެވެ. ޓީމުގެ ކެޕްޓަނާ ނުލާ މުބާރާތަށް ގާނާ ކުރިމަތިލިއިރު މިމެޗުގައި އެޓީމަށް ލިބިގެން ދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޅި އެފްރިކާ ގާނާ އާއި އެކުގައި ވާކަން. ވޯލްޑްކަޕްގެ މިހާ ހިސާބަށް އައިއިރު އެފްރިކާ ބައްރުން ތަމްސީލް ކުރާ ޓީމުތަކުގެ ތެރެއިން މެޗަކުން ހަމައެކަނި މޮޅުވެފައިވާ ޓީމަކީ ގާނާ އެވެ.
މިރޭ ދެން ފާހަގަކޮށްލެވޭ އަނެއް މެޗަކީ އެފްރިކާގެ ގަދަ ބާރެއް ކަމުގައިވާ ކެމަރޫން އާއި ޑެންމާކް ކުޅޭ މެޗެވެ. އިންޓަމިލާނަށް ކުޅެމުން އަންނަ ސެމިއަލް އެޓޫގެ ކެޕްޓަން ކަމުގެ ދަށުން ނިކުންނައިރު މުބާރާތުގެ ކުރިން ބެލެވިފައި ވަނީ ކެމަރޫން އަކީ އެފްރީކާ ބައްރު ތަމްސީލުކުރާ ޓީމުތަކުގެ ތެރެއިން މޮޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވުނު އެއް ޓީމެވެ. ނަމަވެސް ޖަޕާން މެޗުން އެކެއް ސުމަކުން ބަލިވުން ވެގެން ދިޔައީ މިކަމަށް އެޅިގެން ދިޔަ ހުރަހެއް ކަމަށެވެ. ޑެންމާކުން މިމެޗުގައި ކެމަރޫންގެ ޑިފެންސް ލައިނަށް ބާރު ބޮޑުކުރާނެ ކަމަށް ބެލެވޭ އިރު ޓީމުގެ ހަމަލާތައް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވާނީ އިގިރޭސިވިލާތުގެ އާސެނަލްއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ނިކޮލްސް ބެންޓްނަރ އަދި ތޯމަސް ރޮމަޑާލް އެވެ.