އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ، ނިލްސް މެލްޒާ އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ބުނި ގޮތުގައި، ސްޕެޝަލް ރެޕަޓުއާ ނިލްޒް މެލްޒާ ރާއްޖެ ވަޑައިގަންނަވާނީ ނޮވެމްބަރު 17 ވާ އާދީއްތަ ދުވަހު އެވެ.

އދ. އިން ބުނި ގޮތުގައި ސްޕެޝަލް ރެޕެޓުއާ އޮން ޓޯޗާ އަދި އޭނާގެ ވަފުދު ރާއްޖެ ވަޑައިގަންނަވަނީ ދިވެހި ސަރުކާރުގެ ދައުވަތަކަށެވެ.

ސަރުކާރުން އެ ދައުވަތު ދީފައިވާ އިރު ރާއްޖޭގައި މީގެ ކުރިން ހިނގާފައިވާ ރަހުމުކުޑަ، ލާއިންސާނީ އަދި ދަށުދަރަޖައިގެ އަދަބުތަކާއި އަމަލުތައް ހުއްޓުވުމަށާއި އެފަދަ ކަންކަން ކުރިއަށް އޮތް ތަނުގައި ނުހިނގާނެކަން ޔަގީންކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭނެކަމަށް ސަރުކާރުން ވައުދުވެފައިވާކަން އދ.ގެ އޮފީހުން ފާހަގަކުރި އެވެ.

ސްޕެޝަލް ރެޕަޓުއާ ނިލްސް މެލްޒާގެ ރާއްޖެއަށް ކުރައްވާ އެއް ހަފްތާގެ ދަތުރުޅުގައި، ލާއިންސާނީ އަދި ރަހުމުކުޑަ އަނިޔާގެ އަމަލުތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯއާއި، ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަންވީ ކަންތައްތަކަކީ ކޮބައިކަން ބައްލަވާނެ އެވެ.

މި ދަތުރުފުޅުގައި ރެޕެޓުއާ ނިލްސް، ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ޝަރުއީ ދާއިރާގެ ބޭފުޅުންނާއި، މަދަނީ ޖަމިއްޔާތަކާއި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ގާނޫނީ ވަކީލުންނާއި އެކްޓިވިސްޓުންގެ އިތުރުން އަނިޔާ ލާއިންސާނީ އަދި ރަހުމުކުޑަ އަނިޔާ ލިބިފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކާ ބައްދަލުކުރައްވާނެ އެވެ.

މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިންނާއި، އިމިގްރޭޝަނާއި ސިއްހީ ދާއިރާގެ އިތުރުން އިޖުތިމާއީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ފަދަ، މިނިވަންކަމުން މަހުރޫމުވެފައިވާ މީހުން ބޭތިއްބުމަށް ހާއްސަ ތަންތަނަށް ވެސް އޭނާ ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ނިލްސް މެލްޒާއަކީ ސްވީޑަންއަށް ނިސްބަތްވާ، ބައިނަލްއަގުވާމީ ގާނޫނުގެ އިލްމުވެރިއެކެވެ. އދ.ގެ ސްޕެޝަލް ރެޕެޓުއާ އޮން ޓޯޗާގެ މަގާމަށް ނިލްސް އައްޔަނުކުރީ 2016 ނޮވެމްބަރު އެއްވަނަ ދުވަހު އެވެ.

އދ.ގެ ސްޕެޝަލް ރެޕަޓުއާއިންނަކީ އެ ޖަމިއްޔާގެ ހިއުމަން ރައިޓްސް ކައުންސިލުގެ ސްޕެޝަލް ޕްރޮސީޖާސްއަށް ނިސްބަތްވާ މިނިވަން މާހިރުންނެވެ. ސްޕެޝަލް ޕްރޮސީޖާސްއަކީ އދ.ގެ ހިއުމަން ރައިޓްސް ސިސްޓަމުގައި ގާއިމުކުރެވިފައިވާ އެންމެ ބޮޑު މިނިވަން މާހިރުންގެ ގްރޫޕެވެ. އިންސާނީ ހައްގުތަކުގެ ވަކިވަކި ދާއިރާތަކުން ސްޕެޝަލް ރެޕަޓުއަރުން ކަނޑައަޅާ އިރު، ވަކިވަކި ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ވެސް ސްޕެޝަލް ރެޕަޓުއަރުން ކަނޑައަޅަ އެވެ.