ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަނުން އުފައްދަންޖެހޭ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިއަކަށް އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޒާހިރު އައްޔަނުކުރަން މިދިޔަ މަހު ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ވިސްލްބްލޯކުރާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ ގާނޫނު ތަސްދީގުކުރައްވާފައިވަނީ މިދިޔަ މަހުގެ 17ގައެވެ. ގާނޫނު ފާސްވެ ތަސްދީގުކުރާތާ 21 ދުވަހުގެ ތެރޭގައި (ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް) ވިސްލްބްލޯ ޕްރޮޓެކްޝަން ޔުނިޓެއް އުފައްދައި އެ ޔުނިޓަށް ވެރިއަކު ހަމަޖައްސަން ޖެހެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ (4)941 ޖަލްސާގައި، ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިއަކަށް ކޮމިޝަނުގެ ނައިބު ރައީސް ޒާހިދު އައްޔަނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެ ޔުނިޓު މިހާތަނަށް އުފައްދާފައިވާ ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު ވަޖުދާ ގާސިމް "ސަން"އަށް މިރޭ ވިދާޅުވީ ކޮމިަނުން ކުރުމަށް ގާނުނުް ބުނާ ކަންކަމުގެ މަސައްކަތް، އެ ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ދާކަން ދަންނަވާ ކަމަށެވެ.

ވިސްލްބްލޯ ކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ގާނޫނުގެ ދަށުން އެޗްއާރުސީއެމްއަށް ބޮޑެތި ޒިންމާތަކެއް ވަނީ ހަވާލުކޮށްފައެވެ.

އެގޮތުން ގާނޫނުގެ ދަށުން އެޗްއާރުސީއެމްގައި އުފައްދާ ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް އިސްވެރިއަކު ހަމަޖައްސައި، އަދި ޔުނިޓު ހިްނގާނެ ގޮތުގެ ގަވައިދެއް އެކުލަވާލަން ޖެހެއެވެ.

ވިސްލްބްލޯވާ ޕްރޮޓެކްޝަން ގާނޫނުގެ ބޭނުމަކީ ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުމެވެ. އަދި ވިސްލްބްލޯކުރާ ފާރަތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.