ފަނޑިޔާރުންނާއި ޝަރުއީ ދާއިރާއަށް ކުރިމަތިވާ ނުރައްކާތަކާއި ނުފޫޒާއި ބިރުވެރި ހަމަލާތަކުން ސަލާމަތްކޮށް، ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ހާއްސަ އަހަންމިއްޔަތެއް ދެމުން ގެންދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމަންޓުގެ ދޮރަށް ކޯރާޑީއަކުން ގެއްލުން ދީ، ދޮރުގައި ލިޔުމެއް ލިޔުނު މައްސަލައިގައި ޖޭއެސްސީން ނެރުނު ނޫސްބަޔާނެއްގައި، އެ ހާދިސާ ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.

އަދި އެ އަމަލު ހިންގި ފަރާތްތައް ހޯދައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ޖޭއެސްސީން ގޮވާލިއެވެ.

"ގާޒީ އަލީ ރަޝީދު ހުސައިނާއި އެބޭފުޅާގެ އާއިލާގެ ސަލާމަރތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަމުންދާ ގިތް މި ކޮމިޝަނުން ކައިރިން ބަލަމުންދާނެކަމުގެ ޔަގީންކަން އެންމެހާ ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަރުވަމެވެ،" ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުން އަދާކުރާ ދުސްތޫރީ އަދި ޝަރުއީ ޒިންމާ އަދާކުރުމަށް އެކި ފަރާތްތަކުން ފޯރުކުރަމުންދާ ނުރައްކާތެރި ނުފޫޒުތަކާއި ބިރުވެރި ހަމަލާތަކުން ފަނޑިޔާރުންނާއި މުޅި ޝަރުއީ ނިޒާމު ސަލާމަތްކުރުމަށް ޖޭއެސްސީން މަސައްކަތްކުރާ ކަމަށެވެ.

އަދި ފަނޑިޔާރުންނަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށްދިނުމަށްޓަކައި އެ ކޮމިޝަނުން ހާއްސަ އަހަންމިއްޔަތެއް ދީގެން މަސައްކަތް ކުރާ ކަމާށައި އެ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދާނެކަމަށްވެސް ބުންޏެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކާއިފާނެ ބިރަކަށް ޖެހިލުން ނުވެ، ތައައްސުބުން އެއްކިބާވެ ތިބޭ އަދި ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ކަންކަން ނިންމުން މަތީ ތިބެންޖެހޭ ބައެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ފަނޑިޔާރުންގެ މުސްތަގިއްލުކަމާއި މިނިވަންކަމަށް އަސަރުކުރާ ފަދަ އަދި ފަނޑިޔާރުގޭގެ އިތުބާރާމެދު މުޖުތަމައުގައި ޝައްކާއި ވަހުމު އުފެދޭ ފަދަ، އަދި ޝަރުއީ ނިޒާމުގެ ހައިބަތާއި ގަދަރު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކޮމިޝަނުން ގޮވާލިއެވެ.