މިދިއަ ހޮނިހިރު ދުވަހު ބޭއްވި ތިން ކައުންސިލެއްގެ ބައި އިލެކްޝަނާއި ގުޅިގެން ހުށަހަޅާފައިވަނީ ބަލިކަށި ޝަކުވާތަކަކެއް ކަމަށާއި އެ ޝަކުވާތަކުން އެއްވެސް އެއްޗެއް ސާފު ނުވާތީ ބަލައިދެވެން ނެތް ކަމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޏ. އަތޮޅު ކައުންސިލާއި، ފ. އަތޮޅު ކައުންސިލް އަދި އއ. ހިމަންދޫ ކައުންސިލްގެ ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ އިއުލާން ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ތިން ބައި އިލެކްޝަނާއި ގުޅިގެން ހުށަހެޅިފައިވާ އެއްވެސް ޝަކުވާއަކުން ކަންހިނގައި ދިޔަގޮތް އެއްވެސް ވަރަކަށް އެނގެން ނެތްކަމަށެވެ.

ވިދާޅުވީ މުޅިން ވެސް ހުރީ މީހަކު ބުނެފައިވާ އެއްޗަކަށް ބިނާކޮށް ހުށަހަޅާފައިވާ ޝަކުވާތަކެއް ކަމަށާއި އެ ޝަކުވާ ބަލައިދެވެން ނެތްކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާބެހޭ ގަވާއިދުގައި ޝަކުވާ ހުށަހަޅަން އޮތް ގޮތަށް ހުށަހެޅުމުން ޝަކުވާ ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ތިން ބައި އިލެކްޝަންގެ ދާއިމީ ނަތީޖާ ވެސް މިއަދު އިއުލާން ކުރިއެވެ. ދާއިމީ ނަތީޖާ އިއުލާންކުރިއިރު ވަގުތީ ނަތީޖާއާއި އެއްވެސް ތަފާތެއް ނެތެވެ.

އެ ގޮތުން ޏ. އަތޮޅު ކައުންސިލް ފުވައްމުލަކު މެދު ދާއިރާ ކާމިޔާބުކުރީ 861 ވޯޓު ހޯއްދެވި އަމިއްލަ ގޮތުން ކުރިމަތިލެއްވެވި ޕީޕީއެމް މެމްބަރު މާލެގަމު ހުނުބޮލި، ޢަބްދުﷲ މުޙައްމަދު ދީދީއެވެ. ދެ ވަނައަށް ދިޔަ އެމްޑީޕީގެ ކެނޑިޑޭޓް މާލެގަން ސެންޓްގޭ މުޙައްމަދު ޢަބްދުﷲދީދީ އަށް ލިބިލެއްވީ 750 ވޯޓެވެ. އަދި ޑީއާރްޕީގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓޭ މިސްކިތްމަގު ލިލީގެ، މުޙައްމަދު ޢަލީ (ފޮންޓާނާ) އަށް ލިބިލެއްވީ19 ވޯޓެވެ.

ފ. އަތޮޅު ކައުންސިލް ބިލެތްދޫ ދާއިރާ ކާމިޔާބުކުރީ 674 ވޯޓު ހޯއްދެވި އެމްޑީޕީގެ ކެނޑިޑޭޓް ފީއަލީ އަތިރީގެ، އިބްރާހީމް ނަޢީމެވެ. ދެވަނައަށް ދިޔަ ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް ފީއަލީ ދުއްލިސާގެ، މުޙައްމަދު މުޞްޠަފާ އަށް ލިބިވަޑައިގަތީ 539 ވޯޓެވެ.

އއ. އަތޮޅު ހިމަންދޫ ކައުންސިލުން ހުސްވި ގޮނޑި195 ވޯޓާއިއެކު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް ހިމަންދޫ ފައިންޝޭޑް ޝިމާލް އިބްރާހިމެވެ. ހިމަންދޫ ކައުންސިލަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ވާދަކޮށްފައި ނުވެއެވެ. އެ ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ކެނޑިޑޭޓާއި ވާދަކޮށްފައިވަނީ އަމިއްލަގޮތުން ކުރިމަތި ލާފައިވާ ހިމަންދޫ ނޫމަރާގެ، އަފްރާޙު ޢާދިލެވެ. އޭނާއަށް ލިބިލެއްވީ 116 ވޯޓެވެ.