21 Nov 2011, 18:43
ސަބްހާ (ނޮވެމްބަރ 21) : އަވަހާރަކޮށްލާފައިވާ ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލް ޤައްޒާފީގެ ސަރުކާރުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޢަބްދުﷲ އައްސުނޫސީ ހައްޔަރު ކުރެވިއްޖެކަން އެޤައުމުގައި ވެރިކަންކުރާ އިންތިޤާލީ މަޖިލީހުން ކަށަވަރުކޮށްދީފިއެވެ.
އިންތިޤާލީ މަޖިލީހުގެ ތަރްޖަމާން ޢަބްދުލްޙަފީޒް ޣޫޣާ ވިދާޅުވީ ސުނޫސީ ހައްޔަރުކުރީ ލީބިޔާގެ ދެކުނުގެ ރަށެއް ކަމަށްވާ ސަބްހާގެ ކައިރީގައިވާ އަލްޣީރާ ވިލެޖްގައި ހުންނަ އޭނާގެ ދައްތައެއްގެ ގޭގައި ފިއްލަވައިގެން އުޅުއްވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކަމުގައެވެ. ސުނޫސީ ހައްޔަރުކުރީ އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ބަޔަކު އެގެޙިސާރުކުރުމަށްފަހު ސުނީސީއަށް ތާއީދުކުރާ ފަރާތްތަކާއެކު ކޮންމެވެސްވަރަކަށް ޙަމަލާތައް ބަދަލުކޮށްގެން ކަމަށާއި ނަމަވެސް ޙަމަލާތައް ދޭންފެށުމުން ލަސްތަކެއްނުވެ ސުނޫސީ އަމާން ދެއްވީ ކަމަށް ސަބްހާގެ ޢަސްކަރީ މަޖިލީހުގެ ވެރިއެއް ކަމަށްވާ ޢަބްދުއްރަޙްމާން ސާލިމް ވިދާޅުވިއެވެ.
ސާލިމް ވިދާޅުވިގޮތުގައި ސުނޫސީ މިހާރު ހައްޔަރުކޮށްފައިވަނީ ސަބްހާގެ ސިއްރު ތަނެއްގައެވެ. ސުނޫސީގެ ޙާލުކޮޅު ރަނގަނޅު ކަމަށާއި ނަމަވެސް ހައްޔަރުކުރުމުގެ ކުރިން ހިނގި ބަޑީގެ ޙަމަލާތަކުގެ ސަބަބުން ކުޑަވަރެއްގެ ޒަޚަމްތަކެއް އޭނާއަށް ލިބިފައިވާ ކަމަށް ސާލިމް ވިދާޅުވިއެވެ. ގައްޒާފީގެ ޅިޔަނެއް ކަމަށްވާ ޢަބްދުﷲ އައްސުނޫސީއަކީ ލިބިޔާގެ ރައްޔިތުންނާ ދެކޮޅަށް ގައްޒާފީގެ ސަރުކާރުން ހިންގި އިންސާނިއްޔަތާ ޚިލާފް ޢަމަލުތަކާގުޅިގެން އޭނާ ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ނެރެފައިވާ ބޭފުޅެކެވެ.
އަނެއްކޮޅުން އިންތިޤާލީ މަޖިލީހުގެ ބެލުމުގެ ދަށުގައި މިހާރު ހުންނެވި ގައްޒާފީގެ ދަރިކަލުން ސައިފުލްއިސްލާމް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓާ ޙަވާލުނުކޮށް އޭނާގެ މައްޗަށް ޝަރީޢަތް ހިންގާނީ ލީބިޔާގައިކަން އިންތިގާލީ މަޖިލިހުގެ ތަރްޖަމާން ޢަބްދުލްޙަފީޒް ޣޫޣާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ސައިފް ހައްޔަރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. -- އަލްޖަޒީރާ