14 Nov 2019, 12:08
ޣައްޒާ (ސެޕްޓެމްބަރ 14) : ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވެއްޖެ އެވެ.
މިސްރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަމަލާތައް ހުއްޓާލުމަށް އިސްރާއީލު އެއްބަސްވީ އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ "އިސްލާމިކް ޖިހާދު" ޖަމާއަތުން އިސްރާއީލަށް ދެމުންގެން ދިޔަ ރޮކެޓް ޙަމަލާތައް ހުއްޓާލުމަށް އެޖަމާއަތުން ވެސް އެއްބަސްވުމުންނެވެ. ހަމަލާތައް ހުއްޓާލިކަން "އިސްލާމިކް ޖިހާދު"ން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ހަމަލާތައް ފެށުނީ މިދިޔަ އަންގާރަ ދުވަހު އިސްރާއީލުން ޣައްޒާގައި ހުންނަ "އިސްލާމިކް ޖިހާދު" ޖަމާއަތުގެ މަރުކަޒަކަށް ވައިގެ ހަމަލާތަކެއްދީ އެ ޖަމާއަތުގެ އިސް ކޮމާންޑަރު ބަހާއު އަބުލްޢަޠާ އާއި އޭނާގެ އަނބިކަނބަލުން ޝަހީދުކޮށްލުމުންނެވެ. އަބުލްޢަޠާ އަކީ 2012 ވަނަ އަހަރަށް ފަހު އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ އެންމެ އިސް އަސްކަރީ ކޮމާންޑަރެވެ. އަބުލްއަތާ އާއި އޭނާގެ އަނބިކަނބަލުން ޝަހީދު ކޮށްލުމަށް ފަހު އިސްރާއީލުން ވަނީ ސޫރިއާގެ ވެރިރަށް ދިމިޝްގަށް މިސައިލް ހަމަލާއެއްދީ ސޫރިރިއާގައި އުޅުއްވާ "އިސްލާމިކް ޖިހާދު" ޖަމާއަތުގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އަކްރަމުލްޢަޖޫރީ އާއި އޭނާ ދަރިކަލަކު ވެސް ޝަހީދުކޮށްލައިފަ އެވެ.
އިސްރާއީލުން ދެކެނީ ފަލަސްތީނުގެ މުޖާހިދުންނާއި ކޮމާންޑަރުން ޝަހީދުކޮށްލުމުން ފަލަސްތީނުގެ މިނިވަންކަމުގެ ޖިހާދު ހުއްޓުވޭނެ ކަމުގަ އެވެ. މިކަމަށްޓަކައި 1970ގެ އަހަރުތަކުން ފެށިގެން ފަލަސްތީނުގެ މުޖާހިދުންގެ ކޮމާންޑަރުންނާއި ފަލަސްތީނުގެ ސިޔާސީ ލީޑަރުން ޝަހީދުކުރުގެ ޖަރީމާތައް އިސްރާއީލުން ތަންފީޒު ކުރަމުން ގެންދިޔަ އެވެ. އިސްރާއީލުގެ ލާއިންސާނީ މިޖަރީމާތަކާއެކު ވެސް ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލާ ދެކޮޅަށްކުރާ ޖިހާދު އިސްރާއީލަށް ހުއްޓުވިފައެއް ނުވެ އެވެ.
އިސްރާއީލުން އަންގާރަ ދުވަހު ފެށި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ "އިސްލާމިކް ޖިހާދު" ވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި ޓެލްއަވީވުގެ ކައިރީގައިވާ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ދީފަ އެވެ. އަމިއްލަ ނަފްސުގެ ދިފާއުގައި "އިސްލާމިކް ޖިހާދު" ން ދިން ރައްދު ހަމަލާތަކާ ގުޅިގެން ޓެލްއަވީވުގައި ވެސް ސްކޫލްތައް ބަންދުކޮށް ރައްކާތެރިކަން ހޯދުމަށް ޓަކައި އިސްރާއީލުގެ އާންމުން ބިންގަރާސްތަކަށް ވަދެފައިވީ ނަމަވެސް އެހަމަލާތަކުގައި އިސްރާއީލުގެ 66 މީހުން ޒަޚަމްވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރިކަމަށް އިސްރާއީލުގެ މީޑިއާ ބުނެ އެވެ.
އިސްރާއީލުގެ އުދުވާން މިފަހަރު އަމާޒުކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ޣައްޒާގައި ހުންނަ "އިސްލާމިކް ޖިހާދު" ޖަމާއަތުގެ މަރުކަޒުތަކަށެވެ. ހަމާސް ޖަމާއަތާއި އެނޫން ޖަމާއަތްތަކަށް އެއްވެސް ހަމަލާ އެއް ދީފައެއް ނުވެ އެވެ. ފަލަސްތީނުގެ އެހެން ޖަމާއަތްތަކަށް އިސްރާއީލުން ހަމަލާނުދިނީ މުޖާހިދުންގެ ޖަމާއަތްތައް ބައިބައި ކުރުވުމުގެ ބޭނުމުގައި ކަމަށްވަނީ ބެލެވިފަ އެވެ. އެހެންކަމުން އިސްރާއީލަށް ރައްދު ދިނީވެސް ހަމައެކަނި "އިސްލާމިކް ޖިހާދު" ޖަމާއަތުންނެވެ. ހަމާސްއިން އެކަމުގައި ބައިވެރިއެއް ނުވެ އެވެ. ނަމަވެސް އުދުވާން ދިގުލާ ނަމަ "އިސްލާމިކް ޖިހާދު" އާ ބައިވެރިވެ އިސްރާއީލަށް ހަމަލާދޭނެކަމުގެ އިންޒާރު ހަމާސުންވަނީ ދީފަ އެވެ. ހަމަލާތައް ހުއްޓާލަން އިސްރާއީލު ނިންމީ މިސަބަބާ ގުޅިގެންކަމަށް ވަނީ ބެލެވިފަ އެވެ.
ފާއިތުވި ދެދުވަހު އިސްރާއީލުގެ ފައިޓާ ޖެޓްތަކުގެ ހަމަލާތައް އަމާޒުކުރި ޣައްޒާގެ ތަންތަނުގެ ތެރޭގައި އިސްލާމިކް ޖިހާދު" ޖަމާއަތުގެ މަރުކަޒުތަކުގެ އިތުރުން އާންމުންގެ ގެދޮރާއި ސަރުކާރުގެ އިމާރާތްތަކާއި ފަލަސްތީނު ދަނޑުވެރިންގެ ދަނޑުތަކާއި ކުކުޅާއި ގެރިބަކަރި ގެންގުޅޭ ދަނޑުތައް ހިމެނޭކަމަށް ފަލަސްތީނުން ބުނެފައިވެ އެވެ.
މިސްރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އިސްރާއީލުން އެއްބަސްވީ ވަކި ބަޔަކަށް އަމާޒުކޮށް ހަމަލާ ނުދިނުމަށެވެ. މީގެއިތުރުން ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެކިފަހަރުމަތިން އިސްރާއީލުން ކުރިން ވެފައިވާ އެއްބަސްވުންތަކަށް އިހްތިރާމް ކުރުން ވެސް މިއަދު އެއްބަސްވި އެއްބަސްވުމުގައި ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުން އެއްބަސްވި އިރު އިސްރާއީލުން ފާއިތުވި ދެ ދުވަހު ވަނީ ޣައްޒާގެ އެކިތަންތަނަށް ހަމަލާދީ ފަލަސްތީނުގެ 32 މީހުން ޝަހީދުކޮށް 80 މީހުން ޒަޚަމްކޮށްލައިފަ އެވެ. "އިސްލާމިކް ޖިހާދު" ޖަމާއަތުން އިސްރާއީލަށް ދިން ރައްދު ޙަމަލާތަކުގައި ޒަޚަމްވެފައި ވަނީ އިސްރާއީލުގެ 66 މީހުންނެވެ. އިސްރާއީލުގެ އެކަކުވެސް މަރުވެފައެއް ނުވެއެވެ. (އަލްޖަޒީރާ)