21 Nov 2011, 18:37
ލަންޑަން (ނޮވެމްބަރ 21) : ލަންޑަންގެ ސާނަވީ ސްކޫލްތަކުގައި ދޮންކުދިންނަށްވުރެ އޭޝިޔާއާއި އެފްރިކާ ދަރިކޮޅުގެ ކުދިން ފުރަތަމަ ފަހަރަށް ގިނަވެއްޖެވެ. ލަންޑަންގައި ނުކުންނަ އިވްނިން ސްޓޭންޑަޑް ނޫސް ބުނިގޮތުގައި ލަންޑަންގެ ސާނަވީ ސްކޫލްތަކުގައި ކިޔަވާ އޭޝިޔާއާއި އެފްރިކާ ދަރިކޮޅުގެ ކުދިންގެ ނިސްބަތް 53 ޕަސެންޓަށް އަރާފައިވާއިރު ދޮންކުދިންގެ ނިސްބަތަކީ 47 ޕަސެންޓްގައި ކަމަށެވެ.
ލަންޑަންގެ ސާނަވީ ސްކޫލްތަކުގައި ކިޔަވާ އޭޝިޔާއާއި އެފްރިކާ ދަރިކޮޅުގެ ކުދިންގެ ނިސްބަތް މިހާބޮޑަށް މައްޗަށް ދިޔުމުގެ ފަހަތުގައިވަނީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އިނގިރޭސިވިލާތަށް ހިޖްރަކޮށްފައިވާ ބޭރު ޤައުމުތަކުގެ މީހުންގެ ޢަދަދު އާދަޔާ ޚިލާފަށް ގިނަވުމެވެ. ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އިނގިރޭސިވިލާތަށް ހިޖްރަކޮށްފައިވާ ގިނަމީހުންނަކީ އޭޝިޔާއާއި އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ލަންޑަންގެ ބްރުމްލީ ފަދަ އަވަށްތަކުގައި އޭޝިޔާއާއި އެފްރިކާގެ ޤައުމުތަކުން ހިޖްރަކޮށްފައިވާ މީހުންގެ ޢަދަދު މިފަހަކަށް އައިސް އާދަޔާ ޚިލާފަށް ގިނަވެފައިވާ ކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެއެވެ.
އިވްނިން ސްޓޭންޑަޑް ނޫހުގައިވާ ރިޕޯޓް ބުނާގޮތުން ލަންޑަންގެ ބްރިނިޓް އާއި ޓަވާ ހެމްލެޓްފަދަ އަވަށްތަކުގެ އާބާދީގެ ތެރެއިން 60 ޕަސެންޓަކީ އެފްރިކާ، އޭޝިޔާގެ ޤައުމުތަކާއި އެނޫން ޤައުމުތަކަށް ނިސްބަތްވާ މީހުންނެވެ. މިގޮތުން ލަންޑަންގެ ބައެއް ސްކޫލްތަކުގައި ކޮންމެ ފަސް ކުއްޖެއްގެ ތެރެއިން ހަތަރު ކުދިންނަކީ މިހާރު އެފްރިކާ، އޭޝިޔާފަދަ ބޭރު ނަސްލުތަކަށް ނިސްބަތްވާ ކުދިންކަމަށްވެސް މިރިޕޯޓް ބުނެއެވެ.
ލަންޑަންގެ ޑެގްންހަމް އާއި ޕާރކިން ފަދަ އަވަށްތަކުގައި އިނގިރޭސި ދޮންމީހުންގެ ނިސްބަތަކީ 40 ޕަސެންޓެވެ. އަދި މެރިޓޮން، ރިޑްބްރިޖް، އިންފިލްޑް ފަދަ އަވަށްޓަކުގައި ބޭރުނަސްލުތަކުގެ މީހުންގެ ނިސްބަތް ވޭތުވެދިޔަ ދިހަވަރަކަށް އަހަރުތެރޭގައި 20 ޕަސެންޓަށް އިތުރުވެފައިވާއިރު ބްރިނިޓްއަވަށުގައި ބޭރުނަސްލުތަކުގެ މީހުންގެ ނިސްބަތް 50 ޕަސެންޓަށް އިތުރުވެފައިވާ ކަމަށްވެސް މިރިޕޯޓް ބުނެއެވެ. -- އިވްނިންގ ސްޓޭންޑަޑް