21 Nov 2011, 18:19
އަންނަ މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް އަންނަ ހުކުރު ދުވަހު އިއުލާން ކުރުމަށް ނިންމައިފިއެވެ.
ޤައުމީ ޓީމްގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) މިއަދު ވިދާޅުވީ، މިފަހަރުގެ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން ސީޝެލްސްގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު، މާލޭގައި ކުޅޭ ދެ މެޗް ނިމުމުން، މުބާރާތަށް ގެންދާ 20 ކުޅުންތެރިންގެ ސްކޮޑް ހުކުރު ދުވަހު އިއުލާން ކުރާނެ ކަމަށެވެ.
ސީޝެލްސްއާ ދެކޮޅަށް ރާއްޖޭގެ ޤައުމީ ޓީމް ކުޅޭ ފުރަތަމަ މެޗް އޮތީ މާދަމާ ރޭ 9:00 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ. އަދި ދެ ވަނަ މެޗް އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާއިރު އެވެ.
ބަލަކް ވިދާޅުވީ، މާދަމާ ރޭ ސީޝެލްގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް ނުކުންނައިރު، ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިވެހި ސަޕޯޓަރިން ސަޕޯޓް ކުރުމަކީ ޓީމްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"މާދަމާ ރޭގެ މެޗަށް ނުކުންނައިރު ސަޕޯޓަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓް ކުރުމަށް . ވޯލްޑްކަޕް ކޮލިފައިންގައި އިރާނާ ދެކޮޅަށް ޤައުމީ ޓީމް ކުޅުނު މެޗްގައި އިރާނުން ލަނޑު ޖެހީ ދިވެހި ސަޕޯޓަރަކު ދަނޑަށް ފުޅިއެއް އެއްލިތާ ގިނައިރުތަކެއް ނުވަނީސް. މިފަހަރު އެހެން ވާކަށް ނޭދެން. ސަޕޯޓަރުންނަކީ ޓީމަށް މުހިންމު ބައެއް" ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށް ދިވެހި ޓީމް މެލޭސިޔާއަށް ކުރި ތަމްރީން ދަތުރަށްފަހު މިއަދު އެފްއޭއެމް އަހުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަލަކް ވިދާޅުވިއެވެ.
މާދަމާ ރޭ އަމިއްލަ ފަސްގަޑުގައި ސީޝެލްސްއާ ދެކޮޅަށް ދިވެހި ޓީމް ނުކުންނަ އިރު، ހުސްވި އޮގަސްޓް މަހު ބޭއްވި އަށް ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ވަނީ ސީޝެލްސްއަތުން 5-1 ލަނޑުން ބަލިވެވަ އެވެ. އަދި އެމުބާރާތުގެ ޗެންޕިއަން ޓީމަކީ ވެސް ސީޝެލްސްއެވެ.