21 Nov 2011, 18:14
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ކުޅެމުންއައި ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ) އަންނަ އަހަރު ވެސް ވިކްޓަރީގައި މަޑުކުރުމަށް ނިންމައިފި އެވެ.
ހޮކޭ ބުނީ، އަންނަ ސީޒަންގައި ވެސް ވިކްޓަރީއަށް ކުޅުމަށް ސޮއި ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެންނަމަވެސް ވިކްޓަރީގައި މަޑު ކުރުމަށް ސޮއި ކުރީ ކިތައް އަހަރަށް ކަމެއް އޭނަ ބުނެފައެއް ނުވެއެވެ.
އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ދިވެހި ޤައުމީ ޓީމުން ފުރަތަމަ ނެގި 30 ކުޅުންތެރިންގެ ސްކޮޑުގައި ވެސް ހޮކޭ ހިމެނުނެވެ. ނަމަވެސް މުބާރާތަށް ތައްޔާރުވުމަށް ދިވެހި ޓީމް މެލޭޝިޔާއަށް ކުރި ދަތުރުގައި އަނިޔާވުމުން ހޮކޯ ވަނީ ވަނީ މިއަދު ސްކޮޑުން ބާކީ ކޮށްފައެވެ. މެލޭޝިޔާއަށް ދިޔަ ޤައުމީ ޓީމުގައި ހިމެނެނީ 26 ކުޅުންތެރިންގެ ސްކޮޑެކެވެ.
ހޮކޭ ބުނީ، މިފަހަރުގެ ސާޕް ޗެމްޕިއަންޝިޕްގައި ނުކުޅެވުމުން ދެރަވާ ކަމަށާއި އެއީ އަލަށް ޤައުމީ ސްކޮޑަށް ނެގި ފަހަރު ކަމަށް ވީމައެވެ.
ވިކްޓަރީގައި މަޑުކުރުމަށް ހޮކޭ ސޮއި ކުރިއިރު، އެކުލަބުގެ ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޒަރިއަންދު ވިދާޅުވެފައި ވަނީ ކުރިއަށް އޮތްތާ ވިކްޓަރީ ސްޕޯޓްސް ކުލަބަގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއި ޒިންމާދާރުކަމާ އެކު ކުރިއަށް ގެންދާނެ ކަމަށެވެ.