ސެޕްޓެންބަރު 9، 2011 ގައި ކ. ހުރާގައި ހިނގި ހާދިސާގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކު މަރުވެ، ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލަން ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ބައެއް ވަޒީރުން ހާޒިރު ކުރަން ފަށައިފި އެވެ.

މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން ކުރިއަށްގެންދިޔަ ކޮމެޓީއަށް މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ހާޒިރު ކުރައްވާފަ އެވެ. އަދި ހޯމް މިނިސްޓަރު ހަސަން އަފިފާއި ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލު ވެސް އެ ކޮމެޓީއަށް ހާޒިރުވާން މިހާރު ވަނީ އަންގާފަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ހާޒިރު ކުރުވާނެ ދުވަހެއް މަޖިލީކުން ހާމައެއް ނުކުރެ އެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި މެންބަރުން ވަނީ ހުރާ ހާދިސާއާ ގުޅިގެން މިނިސްޓަރު ޝިފާއަށް ސުވާލުތަކެއް ކުރިމަތިކުރުވައިފަ އެވެ. އެ ގޮތުން ދަރިވަރުން ގޮވައިގެން ދަތުރު ދިއުމުގައި ސްކޫލްތަކުން އަމަލު ކުރާނެ ގޮތް ބަޔާންކޮށް 2003 ވަނަ އަހަރު އެކުލަވާލާފައިވާ ގަވާއިދަށް ސްކޫލްތަކުން އަމަލު ކުރޭތޯ ޝިފާއާ ސުވާލުތައް ކުރިމަތި ކުރުވި އެވެ. އަދި އެ ގަވާއިދުގައި ބުނެފައިވާ ތަކެތި ދަރިވަރުންނަށް ފޯރުކޮށްދިނުމުގައި އެޑިއުކޭޝަން މިނިސްޓްރީއަށް ދީފައިވާ ބަޖެޓްގެ ދަތިތަކެއް ހުރިތޯ ވެސް މެންބަރުން ސުވާލު ދެންނެވި އެވެ.

ހިރިޔާ މައްސަލައިގެ ފަހުން ސިއްރުކޮށްގެން ކުރިއަށްގެންދާ ކޮމެޓީގައި މެންބަރުން ކުރި ސުވާލުތަކަށް ސުވާލުތަކަށް ޝިފާ ދެއްވި ޖަވާބެއް ސަންއަށް ލިބޭ ގޮތެއް ނުވި އެވެ.

ހުރާ ކޭމްޕު ސަރަހައްދުގެ މޫދުގައި ކޮނެފައިވާ ފުންގަނޑެއްގެ ތެރެއަށް ހިރިޔާގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ނާޒިމް ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން ހިރިޔާ ސްކޫލްގެ މެނޭޖްމަންޓާއި އެ ސްކޫލްގެ ބޯޑް ވެސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. އަދި މާދަމާ ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް ހުރާ ކައުންސިލްގެ މެންބަރުން ހާޒިރު ކުރުވުމަށް އަންގާފައިވާ ކަމަށް އެ ކޮމެޓީގެ މުގައްރިރު ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖުތާޒު މިއަދު ވިދާޅުވި އެވެ.

ހިރިޔާ ސްކޫލްގެ 32 ކުދިންނާއި ޕްރިންސިޕަލްގެ އިތުރުން ބައެއް ދޭސީ، ބިދޭސީ ޓީޗަރުން ގޮވައިގެން ހުރައަށް ކުރި ދަތުރުގައި ގެނބިގެން މަރުވީ ގްރޭޑް ނުވައެއްގައި ކިޔަވަމުންދިޔަ ނަޝްއަތު ސައީދު، ގއ. ދެއްވަދޫ މީނާޒް އާއި މަރިޔަމް ނާޒް، ހއ. ހޯރަފުށީ ސުވާސާގެ އާއި އައިޝަތު ޝާނިހާ، ރ. ރަސްމާދޫ ހަނދުވަރީ ވިލާ އަދި މަރިޔަމް ޝައިހާ، މ. މޮއިޝާ އެވެ. ދެން އެ ހާދިސާގައި އަވަހާރަވީ ސްކޫލްގެ ޕްރިންސިޕަލެވެ.