13 Nov 2019, 17:08
ސުޕްރީމްކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްއާ ހަވާލުކޮށްފިއެވެ.
އަރީފްއާ ސުޕްރީމްކޯޓު ހިންގުން ހަވާލުކުރީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ މިއަދު ސަސްޕެންޑުކުރުމުންނެވެ. މިއަދު ޖޭއެސްސީގެ 80 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ ސުޕްރީމްކޯޓުގެ ހިންގުން ވަގުތީ ގޮތުން އަރީފްއާ ހަވާލު ކުރުމަށެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަރީފު އެ މަގާމުން މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. މިހާރު ހިސާން ހުސައިން ވަނީ އެ މަގާމަށް އައްޔަންކޮށްފައެވެ.
އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކޮށް، މަގާމުން ވަކި ކުރުމަށް ޖޭއެސްސީއިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައެވެ. އެ ދެ ބޭފުޅުންގެ ސުޕްރީމްކޯޓުގެ އިހްތިސާސުން ބޭރުން އަމަލުކުރިކަމަށް ބުނާ މައްސަލަތަކެއް ޖޭއެސްސީއިން ވަނީ ބަލައިފައެވެ. ފަނޑިޔާރު އަރީފްއާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދަށްވެސް އެކަމުގެ ތުހުމަތު ކުރެވެއެވެ.
ޖޭއެސްސީއިން އިއްޔެ ހާމަކުރި ގޮތުގައި އެ ކޮމިޝަނުން ދަނީ ފަނޑިޔާރު އަރީފްގެ މައްޗަށް ތުހުމަތުވާ 14 މައްސަލައެއް ބަލަމުންނެވެ.
އަރީފް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ 18 ސެޕްޓެންބަރު 2008 ގައެވެ. އަދި 10 ޖުލައި 2017 އިން ފެށިގެން މިއަދާ ހަމައަށް އޭނާ ގެންދެވީ ޖޭއެސްސީގެ ރައީސްކަމުގެ މަގާމު ފުރުއްވަމުންނެވެ.
އޭނާ މީގެ ކުރިން ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި، 2010 އިން 2014 އަށް ސުޕްރީމްކޯޓުގެ ޗެމްބަރ ފަނޑިޔަރުކަމާއި، 2005 އިން 2008 އަށް ކްރިމިނަލްކޯޓުގެ އިސްގާޒީގެ މަގާމާއި 1998 އިން 2005 އަށް އެކޯޓުގެ ގާޒީގެ މަގާމު ހިމެނިވަޑައިގަންނަވައެވެ.