13 Nov 2019, 16:17
ވޮޝިންޓަން (ނޮވެމްބަރު 13): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަގާމުން ދުރުކުރުމުގެ މައްސަލާގައި ފަށާފައިވާ ތަހުގީގުތަކަށް ހެކިބަސް ހޯދުމުގެ ކަންތައް އަންނަ ހަފްތާގައި ހުޅުވާލައިގެން ކުރިޔަށް ގެންދާނެކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ބުނެފި އެވެ.
ހައުސްގެ ޖާސޫސީ ކަންތައްތަކާބެހޭ ސަބް ކޮމިޓީގެ މުގައްރިރު އެޑަމް ޝިފް ވިދާޅުވީ ޓްރަމްޕާ ދެކޮޅަށް ހެކިބަސް ހޯދުމަށް ހުޅުވާލައިގެން އަންނަ ހަފްތާގައި ބާއްވާ ޖަލްސާތަކުގައި ހެކިބަސް ދިނުމަށް ކަނޑައެޅިފައިވާ ބޭފުޅުންގެ ތެރޭގައި ވައިޓް ހައުސްގެ އިސް މަސްއޫލުވެރިންތަކެއް ހިމެނިވަޑައިގަންނަވައެވެ. އޭގެތެރޭގައި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މަސްއޫލުވެރިއެއްކަމަށްވާ އެލެގްޒެންޑާ ވިންޑްމަންއާއި އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ އެހީތެރިއާ ޖެނިފާ ވިލިޔަމްޒް އާއި އެމެރިކާއިން ޔުކްރޭނަށް ކަނޑައަޅާފައިވާ ކުރީގެ ސަފީރު ކޭޓް ވޮލްކާ ގެ އިތުރުން ގައުމީ ސަލާމަތާބެހޭ އިދާރާގެ މަސްއޫލުވެރިއެއްކަމަށްވާ ޓިމް މޮރިސަން ހިމެނިވަޑައިގަންނަވައެވެ.
"ޔުކްރޭން ގޭޓް" ގެ ނަމުން މަޝްހޫރުވެފައިވާ މި މައްސަލާގައި ހައުސް އޮފް ރެޕްރެޒެންޓެޓިވް އިން ފަށާފައިވާ ތަހްގީގްތަކަށް ހެކިބަސް ހޯދުމުގެ ކަންތައް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމާމެދު ޓްރަމްޕްވަނީ ކުރިން ކަންބޮޑުވެވަޑައިގެން ވާހަކަ ދައްކަވާފައެވެ. ނަމަވެސް ފަހުން ޓްރަމްޕްވަނީ ވައިޓް ހައުސްގެ އެކްޓިން ޗީފް އޮފް ސްޓާފް މިކް މުލްވަނޭ ގެ ހެކިބަސް ފިޔަވައި އެނޫން ބޭފުޅުންގެ ހެކިބަސް ދިނުމުގެ ކަންތައް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުން މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ.
"ޔުކްރޭން ގޭޓް" ގެ މައްސަލައަކީ ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައިގެން ޓްރަމްޕްގެ ސިޔާސީ ވާދަވެރިއެއް ކަމަށްވާ އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންއަށް ފިއްތުންތައް ކުރިމަތިކުރަން ޓްރަމްޕް އުޅުއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މިމައްސަލާގައި ޓްރަމްޕް މަގާމުން ދުރުކުރުމުގެ ތަހްގީގްތައް ހައުސް އިން ރެޕްރެޒެންޓެޓިވް އިން ފަށާފައިވާއިރު އެކަމަށް ބާރު ލިބިދޭ ބަޔާނެއް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މަސްއޫލުވެރިއެއްކަމަށްވާ އެލެގްޒެންޑާ ވިންޑްމަން ވަނީ ހައުސްގެ ތަހްގީގް ކޮމިޓީއަށް މިދިޔަ ހަފްތާގައި ދެއްވާފައެވެ.
މިދިޔަ ހަފްތާގައި ހައުސްގެ ކޮމިޓީއަށް ދެއްވި ބަޔާނުގައި ވިންޑްމަން ވަނީ ޖޯ ބައިޑެންގެ މައްސަލަ ތަހްގީގް ކުރުމަށް އެދި އެމެރިކާއިން ޔޫރަޕްގެ އިއްތިޙާދަށް ކަނޑައަޅާފައިވާ ސަފީރު ގޯޑަން ސޮންޑްލޭންޑް، ޔުކްރޭންގެ މަސްއޫލުވެރިންނަށް ފިއްތުންތައް ކުރިމަތި ކުރެއްވި ކަމަށް ވިދާޅުވެފައެވެ. މިގޮތުންޖޯ ބައިޑެން އާބެހޭ ތަހްގީގެއް ހިންގުމަށް ޔުކްރޭންގެ މަސްއޫލުވެރިންނަށް ބާރު އަޅުއްވައި ސޮންޑްލޭންޑް ވާހަކަ ދެއްކެވި އަޑު އެއްސެވިކަމަށް ހައުސްގެ ކޮމިޓީގައި ވިންޑްމަން ވަނީ ވިދާޅުވެފައެވެ. ވިންޑްމަން ގެ މި ބަޔާނަކީ ޖޯބައިޑެން އަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާގެ ރައީސް ގެ ޙައިޘިއްޔަތުން ޓްރަމްޕް އޭނާގެ ބާރާއި ނުފޫޒު ބޭނުންކުރިކަމަށް ބެލެވޭވަރުގެ ބަޔާނެއް ކަމަށް ގާނޫނީ ފަރާތްތަކުން ދެކެއެވެ.
އެމެރިކާގެ ރައީސްގެ ހައިޘިއްޔަތުން މަގާމުގެ ބޭނުން ކުރައްވައި ބައިޑެން އަށް ފިއްތުންތައް ކުރިމަތިކުރަން އުޅުއްވިކަން ޓްރަމްޕްގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާ މަގާމުން ދުރުކުރުމަށް ސެނެޓް ގައި ހިމެނޭ ރިޕަބްލިކަން ޕާޓީގެ މެންބަރުން ގެ ތާއީދު ލިބިދާނެކަމަށް ބެލެވިފައިވާއިރު މިފަދަ ހާލަތެއްގައި ޓްރަމްޕް މަގާމުން ދުރުކުރެވޭ ހިސާބަށް ކަންތައް ހިނގައިދާނެކަމަށް އޮބްޒާވަރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)