21 Nov 2011, 17:47
އިލެކްޝަންސް ކޮމިޝަނަށް ގަތް ލެޕްޓޮޕް ތަކެއްގެ މައްސަލައިގައި އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ޝާހިދު (ސާބެ) އާއި ކުރީގެ މެންބަރު މުހައްމަދު މާހިރު އަދި ކުރީގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނައީމް ގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީން) ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އޭސީސީން ޕީޖީ އަށް ފޮނުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ގަތް 57 ލެޕްޓޮޕެއްގެ މައްސަލައިގަ އެވެ.
ފުރަތަމަ ފަހަރަށް ގަތް 20 ލެޕްޓޮޕް ގަނެފައިވަނީ 217،900 ރުފިޔާއަށް ސެޕްޓެމްބަރު 2008،16 ގައި އެ ކޮމިޝަނުން އިއުލާންކޮށް ގެންކަމަށާއި ނަމަވެސް އޭގެ ފަހުން 403115ރ އަށް ހަތަރު ފަހަރެއްގެ މަތިން 37 ލެޕްޓޮޕް ގަނެފައިވާ ކަމަށާއި އެ ލެޕްޓޮޕްތައް ގަނެފައިވަނީ އިއުލާން ނުކޮށް އެންމެ ފަރާތަކުން އަގު ބެލުމަށްފަހު ކަމަށް އޭސީސީން ބުނެއެވެ.
އެ ލެޕްޓޮޕްތައް ހަތަރު ފަހަރުމަތިން ގަނެފައިވަނީ 21 ދުވަހުގެތެރޭގައި ލެޕްޓޮޕްތައް ގަތް ފަރާތާއި އެ ކޮމިޝަނާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށާއި، އެ އެއްބަސްވުމުގައި އެ ކޮމިޝަނުގެ ފަރާތުން ސޮއިކޮށްފައިވަނީ ޑެޕިއުޓީ ޑިރެކްޓާ މ. ވާރުލުގޭ އަހުމަދު ނައީމް ކަމަށް އޭސީސީން ބުނެއެވެ.
އެ ލެޕްޓޮޕްތައް ގަނެފައިވަނީ އޭރުގައި އަމަލުކުރަމުން ދިޔަ ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދާއި ޚިލާފަށްކަމަށްވެސް އޭސީސީން ބުނެއެވެ.
ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ހޭދަކުރުމާއި ހިސާބުތައް ލިޔެ ބެލެހެއްޓުމުގެ ގަވާއިދުގެ 8.15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އެއްފަހަރާ ގަންނަންޖެހެ ތަކެތީގެ އަގު 25،000ރ. އަށް ބޮޑުވާނަމަ އެތަކެތި ގަންނަންވާނީ އާންމުކޮށް އިއުލާނު ކޮށްގެން ލިބޭ އަންދާސީ ހިސާބުތައް ބަލައިގެން ކަމަށެވެ.
އެ ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު މާހިރުގެ މައްޗަށް ދާއުވާ ކޮށްދެއްވުމަށް އެދިފައިވަނީ އެ ކޮމިޝަނަށް ގަތް 57 ލެޕްޓޮޕްގެ ތެރެއިން ދެވަނަ ފަހަރަށް ގަތް 10 ލެޕްޓޮޕް ގަތް ފަރާތުން ފޮނުވި ކޯޓޭޝަންގައި މާހިރު ހުއްދަދީފައިވާތީ ކަމަށް އޭސީސީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކޮނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އަހުމަދު ޝާހިދު (ސާބެ) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ތިންވަނަ ފަހަރަށް ގަނެފައިވާ 10 ލެޕްޓޮޕް ގަތް ފަރާތުން ފޮނުވި ކޯޓޭޝަންގައި ޝާހިދު ހުއްދަދީފައިވާތީ ކަމަށްވެސް އޭސީސީން ބުނެއެވެ.