އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް ކުރިގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމުގެ މަގާމަށް މެމްބަރަކު އައްޔަނުކޮށްފައި މިވަނީ އެ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު ހަމަވަން ކައިރިވުމާއި ގުޅިގެންނެވެ. އަމްޖަދުގެ މަގާމުގެ ދައުރު ހަމަވަނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ފުއާދު އައްޔަނު ކުރަން ފެންނަ ކަމަށް 70 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ.

ފުއާދުގެ އިތުރުން ދެން ތަޅުމަަށް ފޮނުވަނީ އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ނައިބު ރައީސް ގއ. މާމެންދޫ އަލިވާގޭ އަމްޖަދު މުސްތަފާ އަދި ގާނޫނީ ވަކީލާ ހއ. ކެލާ އަނބުގަސްދޮށުގޭ މަރިޔަމް ހަނީފާ ޚާލިދުގެ ނަމެވެ. ނަމަވެސް އެ ދެނަމަށް ވޯޓަށް އަހާފައި ނުވަނީ ފުއާދުގެ ނަމަށް ވޯޓަށް އަހައި ފާސްވުމުންނެވެ.

ފުއާދަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމާއި އެ ކޮމިޝަނުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ސުމޯޓޯ ހިންގުމަށް ފަހު އެވެ. އެއީ 2013 ގަ އެވެ.

އޭގެ ފަހުން ސިޔާސީގޮތުން އެމްޑީޕީއަށް ތާއީދުކޮށް ސޯޝިއަލް މީޑިއާގައި އަދި ސްރީލަންކާގައި ހުންނަވާ އެމްޑީޕީގެ ރައީސްއާއެކު ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް އަމިލަގޮތުން ވާދަކުރެއްވި އެވެ.