ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އަރީފު އިސްތިއުފާގެ ސިޓީ ޖޭއެސްސީއަށް ހުށަހެޅުއްވިކަން 'ސަން' އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރަ ކަމެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އަރީފް ޖުޑިޝަލް ސާވިސް ކޮމިޝަނުގައި ހުންނަވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ ގޮތުގަ އެވެ. އޭނާ ޖޭއެސްސީއަށް އައްޔަނު ކުރީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އަރީފަށް އެ މަގާމު ދެއްވީ އެ މަގާމުގައި ހުންނެވި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އެ މަގާމުން ވަކިކުރުމަށް ފަހު އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ހިމެނޭގޮތަށް ފަނޑިޔާރު އަރީފުގެ ސުލޫކީ މައްސަލައެއްވެސް ޖުޑިޝަލް ސާވިސް ކޮމިޝަނުން ދަނީ ބަލަމުންނެވެ. މީގެ ކުރިންވެސް ވަނީ ފަނޑިޔާރު އަރީފުގެ މައްސަލައެއް ބަލައި އެމަނިކުފާނަށް ނަސޭހަތް ދީފަ އެވެ.

އެ މައްސަލަތައް ބެލުމަށް ޖޭއެސްސީއިން ހިންގާ ތަހުގީގަށް އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދު ވަނީ އެއްބާރުލުން ނުދެއްވައިފަ އެވެ.