13 Nov 2019, 13:38
އެންވަޔަރަންމެންޓް މިނިސްޓްރީގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ގިނަ ދަތުރުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރާ ދަތުރުތަކެއް ނޫން ކަމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ހަރަދުގައި މިނިސްޓަރު ހުސައިން ރަޝީދު ރާއްޖެއިން ބޭރަށް ގިނަ ދަތުރުތަކެއް ކުރައްވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ތަފާތު ވާހަކަތަކެއް ދެކެވިފަ އެވެ.
މިއަދު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭނާ ކުރައްވާ ގިނަ ދަތުރުފުޅުތަކަކީ އެކި ފަރާތްތަކުންގެ ދީލަތީ އެހީގައި ކުރައްވާ ދަތުރުފުޅުތައް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދެއްގައި އޮތް ގައުމަކަށް ވުމުން، ރާއްޖެއިން ދުނިޔޭ ފެންވަރުގައި އެ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކައި އަޑު އުފުލަން ޖެހޭ ކަމަށެވެ.
ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ބޭރުގެ ގިނަ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ އިޝާރާތް ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖެއަށް އެހީދޭ ފަރާތްތަކާއެކު މަޝްވަރާކޮށް، ލިބެން އޮތް އެންމެ ބޮޑު މިންވަރަކުން އެފަރާތްތަކުގެ އެހީތެރިކަަން ދަނީ ހޯދަމުން ކަމަށެވެ.
ތިމާވެށީގެ ދާއިރާއިން ތަރައްގީތައްކޮށް ބޭރުގެ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ހޯދުމަށް އިނޮވޭޓިވް ގޮތްތަކެއް ހޯދަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.