ހއ. އަތޮޅުގޭގައި އަތޮޅު ކައުންސިލަރުން ދިރިއުޅުއްވަމުން ގެންދަވަނިކޮށް، ދިއްދޫ ކައުންސިލުގެ މެންބަރުން އަތޮޅުގެއަށް ވަދެގަނެ، ރަށު ކައުންސިލުގެ ޑިޕާޓްމަންޓުތަކެއް އަތޮޅުގޭގައި ގާއިމު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. އަތޮޅު ކައުންސިލަރުން ތިބީ މިވަގުތު ވަންނާނެ ތަނެއް ނެތި މަގުމަތިވެފަ އެވެ.

އަތޮޅުގެ ދޫކޮށްލެއްވުމަށް ތަކުރާރުކޮށް އަތޮޅު ކައުންސިލްގެ މެމްބަރުންނަށް ދިއްދޫ ކައުންސިލުން އެންގުމުން ވެސް ނުކުމެ ވަޑައިނުގެން ދިރިއުޅުއްވަމުން ދަނިކޮށް ދިއްދޫ ކައުންސިލުން އަތޮޅުގެއަށް ވަދެ މިއަދު ވަނީ ރަށު ކައުންސިލްގެ ޑިޕާޓްމަންޓުތަކެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފަ އެވެ.

"ކައުންސިލަރުންނާއެކު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުން ވެސް އަތޮޅުގެއަށް މިއަދު ވަން. ތަޅުތައް ބަދަލު ކުރުމުގައި އުޅުނީ ވެސް އެފަރާތްތައް،" ދިއްދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ އަދި ބުނީ އަތޮޅު ކައުންސިލަރު "މަގުމަތި" ކުރުމަށް ފަހު ރަށު ކައުންސިލުން ވެސް ބޭނުން ވަނީ އަތޮޅުގޭގެ ކޮޓަރިތައް ކުއްޔަށް ދިނުމަށް ކަމަށެވެ.

ދިއްދޫ ކައުންސިލުގެ ރައީސް މުހައްމަދު ނައީމް ވިދާޅުވީ ދިއްދޫ ކައުންސިލްގެ އިދާރާ ކުޑަވެ ރައްޔިތުންނަށް ހިދުމަތްތަށް ނުދެވި ދަތިތަކާ ކުރިމަތިވެފައިވާތީ އަތޮޅުގެ ހޯދަން ގައުމީ އިދާރާގެ އެދުމުގެ މަތިން އަތޮޅު ކައުންސިލާއި ކުރިން މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އަތޮޅުގޭގެ އިމާރާތް ދިނުމަށް އަތޮޅު ކައުންސިލުން ދެކޮޅު ހެދުމުން މިއަދު މެންދުރުފަހު ވަދެ ދިއްދޫ ކައުންސިލްގެ އިދާރާގެ ބައެއް ގާއިމްކުރީ ކަމަށެވެ.

"އަޅުގަނޑުމެން ކިހާވަރަކަށްތޯ ދަންނަވާނީ އަތޮޅު ކައުންސިލްގައި އެ އިމާރާތުން އެބޭފުޅުން ނިކުމެ ވަޑައިގެން އެތަން އަޅުގަނޑުމެންނާއި ހަވާލުކުރަން. ނަމަވެސް އެކަން އެގޮތަށް ކުރާކަށް އަތޮޅު ކައުންސިލުން ބޭނުމެއްނުވި އެހެންވީމަ އަޅުގަނޑުމެން މިހާރު މަސައްކަތް މިފެށީ އެތަން ރަށުކައުންސިލްގެ އިދާރާގެ ބަޔަކަށް ބަދަލުކުރުމަށް،" ނައީމް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ގައުމީ އިދާރާއިން އަތޮޅުގެ ރަށު އުންސިލަށް ދޭން އެންގުމާއި ގުޅިގެން އަތޮޅުގޭގެ އިމާރާތް ތެރޭގައި ވަކިން ހުރި އިމާރާތެއް ދޭން ނިންމުމުން ރަށު ކައުންސިލުން އެކަން ގަބޫލު ނުކޮށް ބޭނުން ވަނީ އަތޮޅުގޭގެ އިމާރާތް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމާ މަޝްވަރާކުރައްވަމުން ގެންދަވަނިކޮށް މިއަދު އެބޭފުޅުން އެ އިމާރަތަށް ވަދެ ސެޓަޕެއް ގާއިމުގެ ކުރުމުގެ މަސައްކަތް ފަށައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ދިއްދޫ ކައުންސިލުން އަތޮޅުގެއަށް ވަނުމުގެ ކުރިން އިއްޔެ އިންޒާރު ވެސް ދިން ކަމަށެވެ.

މީގެ ކުރިން އަތޮޅު ކައުންސިލަރުން އަތޮޅުގެ ދޫކޮށްލުމަށް އޭސީސީން ވެސް ވަނީ އަންގާފަ އެވެ.

މިއަދު ރަށު ކައުންސިލުން އަތޮޅުގޭގެ މައްޗަށް ގަދަވެގަތް ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ހިންގާފައެއް ނުވެއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް މީހުން އެއްވި އެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ރަށު ކައުންސިލުން ވަދެ އަތޮޅުގޭގެ ބައެއް ކޮޓަރިތަކުގެ ތަޅުތައް ވެސް މިއަދު ވަނީ ބަދަލުކޮށްފަ އެވެ.

"އަޅުގަނޑުމެން މިތިބީ މިހާރު އަތޮޅު ކައުންސިލުގެ އިދާރާގައި އޮފީސް ނިންމުމަށް ފަހު، ދެން ވަންނާނެ ތަނެއް ނުހުންނާނެ. މާދަމާ މަގުމަތީގައި ތިބެންޖެހިދާނެ،" ރަޝީދު ވިދާޅުވި އެވެ.

ދިއްދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އަތޮޅު ކައުންސިލަރުންގެ މަގުމަތިވެފައިވާއިރު އެބޭފުޅުން ފެންވަރުމާއި ފާހާނާ ކުރާނެ ގޮތް ވެސް ނެތިފައިވާ ކަމަށެވެ.

ނަމަވެސް ދިއްދޫ ކައުންސިލްގެ ރައީސް ނައީމް ވިދާޅުވީ އެބޭފުޅުން މަގުމަތީގައި ތިއްބަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ފުލުހުންނާއެކު އެބޭފުޅުން ވަޑައިގެން އެބޭފުޅުންގެ ތަކެތި އަތޮޅުގެއިން ނެރެ ދިއްދޫން ކުލީ ކޮޓަރި ހިއްޕަވައިގެން ދިރިއުޅުއްވެވޭނެ ކަމަށެވެ.


އަތޮޅުކައުންސިލްގެ 10 މެމްބަރުންގެ ތެރެއިން ޑީއާރްޕީގެ ހަތަރު ބޭފުޅަކާއި އެމްޑީޕީގެ ހަތަރު ބޭފުޅަކު މިހާތަނަށް ދިރިއުޅުއްވަމުން ގެންދެވީ އަތޮޅުގޭގަ އެވެ. ކުރީ ސަރުކާރުން ހަދާފައިވާ އަތޮޅުގޭގައި 13 ކޮޓަރި ހުރެ އެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އަތޮޅުގޭގެ ކަރަންޓް ބިލު ނުދައްކާތާ ވެސް މަސްތަކެއް ވަނީ ވެފައެވެ.

ހއ. އަތޮޅު ކައުންސިލާއި ދިއްދޫ ރަށުކައުންސިލްއަކީ ވެސް ސަރުކާރުގެ މެޖޯރިޓި އޮންނަ ދެ ކައުންސިލެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Mohammed Rasheed (mp3)