19 Jun 2010, 07:43
10:00
ފީފާ ވޯލްޑް ކަޕް 2010 ފެށި، ހަފްތާއެއްގެ ކުޅުން ނިމިގެން ދިޔައިރު، ގިނަ ބަޔަކު މިމުބާރާތް ސިފަކުރަނީ އެހެން ޥޯލްޑް ކަޕް ފުޓުބޯޅަ މުބާރާތްތަކަށްވުރެ ފެންވަރު ދަށް ކުޅުމެއް ފެނިގެންދާ މުބާރާތެއްގެ ގޮތުގައެވެ.
ޥޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖްގައި ބައެއް ޓީމަތަކުން ދެ މެޗް ކުޅެފައި ވާއިރު، ނަތީޖާތައް ނުކުމެފައި ވަނީ، ގިނަ ބަޔަކު އުންމީދުކުރި ގޮތަކަށް ނޫނެވެ. ބޮޑު ތަފާތަކުން ނިމިގެންދާނޭ ކަމަށް ގިނަ ބަޔަކު އުންމީދުކޮށްގެން ތިބި ގިނަ މެޗްތަކެއް އެއްވަރުވެގެން، ނުވަތަ ކުޑަކުޑަ ތަފާތަކުން ނިމިފައިވާކަން ފާހަގަކޮށްލެވެ އެވެ. މިގޮތުން އިންގްލެންޑް އަދި އެމެރިކާ ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމުމާއި، ފުޓުބޯޅައިގެ ރަސްގެފާނު ކަމުގައި ބެލެވޭ ބްރެޒިލާއި އުތުރު ކޮރެއާ ބައްދަލުކުރި މެޗް ވަރަށް ކުޑަކުޑަ ތަފާތަކުން ނިމިގެން ދިޔުން ފާހަގަކޮށްލެވެ އެވެ.
ޥޯލްޑް ކަޕް ފެށެން ވަރަށް ކައިރިވެފައި ވަނިކޮށް ލިބުނު އަނިޔާގެ ސަބަބުން ގިނަ އަދި މޮޅު ކުޅުންތެރިންތަކަކަށް މިޥޯލްޑް ކަޕްގައި ކުޅުމުގެ ފުރުޞަތު ގެއްލިގެން ދިޔުމަކީ މިކަމަށް މެދުވެރިވި ސަބަބުކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެ އެވެ. އަދި ބައެއް ޓީމްތަކުންނާއި ކުޅުންތެރިން، މިކަމުގެ ސަބަބަކީ މުބާރާތުގައި ބޭނުންކުރަމުންދާ ޖަބުލާނީ ބޯޅައަށް ކުޅުންތެރިން ފަރިތަނުވުން ކަމުގައި ބުނަމުންދެ އެވެ. އަދި ހަމަ އެއާއެކު، ބައެއް ފަރާތްތަކުން މިކަމުގެ އިލްޒާމް، ސަޕޯޓަރުން ސްޓޭޑިއަމްތަކަށް ވައްދާ ވުވުޒެލާތަކުގައި ވެސް އަޅުވަމުންދެ އެވެ.
ކަން މިހެން ހުރި ކަމުގައިވިޔަސް، ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމަކުންވެސް ދެ ވަނަ މެޗް ކުޅެން ފަށައިފައިވާއިރު، ދެ ވަނަ މެޗްގައި ލަނޑުތައް ފެންނަލެއް ގިނަކަން ފާހަގަކޮށްލެވެ އެވެ. ފަހަރުގައި ބޯޅައާމެދު ޓީމްތަކުންނާއި ކުޅުންތެރިން ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކަކަށް ވެސް ވެދާނެ އެވެ. ނޫނީ ފުރަތަމަ މެޗްތަކުގައި ނުކުތް ނަތީޖާތަކަށްފަހު، ޓީމްތަކަށް ޙަޤީޤަތުގައި ވެސް އިތުރު ބޮޑެތި ކުރިއެރުންތަކެއް އައީ ކަމަށް ވުންވެސް އެކަށީގެންވެ އެވެ.
ޥޯލްޑް ކަޕްގެ އެއް ހަފްތާގެ ކުޅުން ނިމިފައިވާއިރު، މިއަހަރުގެ މުބާރާތަކީ "ސަޕްރައިޒިން" މުބާރާތަކަށް ވެގެންދާނޭ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރި ކުރުންވެސް ޙަޤީޤަތަކަށް ވެގެންދާކަން ފާހަގަކޮށްލެވެ އެވެ. މިގޮތުން ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިނާއި، ސްވިޒަލޭންޑް ބައްދަލުކުރި މެޗްގައި ސްވިޒަލޭންޑުން ލަނޑު ޖެހި ވަގުތުކޮޅާއި، 2006 ވަނަ އަހަރުގެ ޥޯލްޑް ކަޕްގެ ރަނަރަޕް ފްރާންސް ކޮޅަށް ދެ ލަނޑު ޖަހައިގެން މެކްސިކޯ މެޗް ކާމިޔާބުކުރި ވަގުތު، މުޅި ދުނިޔެ އޮތީ ކުއްލި ސިހުމެއްގައޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ.
ކޮންމެއަކަސް، މިއަހަރުގެ ޥޯލްޑްކަޕް މިހާތަނަށް އައިއިރު ވެގެން ގޮސްފައިވަނީ ވަރަށް ތަފާތު ޥޯލްޑް ކަޕަކަށެވެ. އެތައް ބަޔަކަށް ސިހުން ގެނެސްދޭ މުބާރާތަކަށެވެ. ހީނުކުރާ ފަދަ ތަފާތު ނަތީޖާތަކެއް ފެނިގެންދާ މުބާރާތަކަށެވެ. އެހެންކަމުން މުބާރާތުގެ ކުރިއަށް ހުރި މެޗްތަކުން ވެސް ތަފާތު ކަންތައްތަކެއް ފެނިގެންދާނޭ ކަމަށް ޤަބޫލުކުރެވެ އެވެ. އަދި ތަފާތު ނަތީޖާތަކެއް ނުކުންނާނޭ ކަމަށް ވެސް ޤަބޫލުކުރެވެ އެވެ. ޖުމްލަ ގޮތެއްގައި ދަންނަވާނަމަ ދެންނެވޭނީ، ސައުތު އެފްރިކާގައި މިހާރު ކުރިއަށްދާ ފީފާ ޥޯލްޑް ކަޕަކީ ޙަޤީޤަތުގައި ވެސް "ސަޕްރައިޒިން" ނުވަތަ ހައިރާންކަން ގެނެސްދިން މުބާރާތެއް ކަމުގަ އެވެ.