ޣައްޒާ (ނޮވެމްބަރު 13) އިއްޔެ އިން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ވައިގެ އުދުވާނީ ހަމަލާތަކުގައި ޝަހީދުކޮށްލި ފަލަސްތީނު ރައްޔިތުންގެ އަދަދު 10 އަކަށް އަރައިފި އެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ އިންފޮމޭޝަނާބެހޭ އޮފީހުން ބުނީ އިސްރާއީލުގެ ފައިޓާ ޖެޓްތަކުގެ ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި އާންމުންގެ ގެދޮރާއި ސަރުކާރުގެ އިމާރާތްތަކާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ އޮފީސްތަކާއި ފަލަސްތީނު ދަނޑުވެރިންގެ ދަނޑުތަކާއި ކުކުޅާއި ގެރިބަކަރި ގެންގުޅޭ ދަނޑުތައް ހިމެނޭ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ދިން އުދުވާނުގައި ޝަހީދުކޮށްލި މީހުންގެ ތެރޭގައި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ "އިސްލާމިކް ޖިހާދު" ޖަމާއަތުގެ އިސް ކޮމާންޑަރު ބަހާއު އަބުލްޢަޠާއި އޭނާގެ އަނބިކަނބަލުން ހިމެނެ އެވެ.

އިސްރާއީލުގެ މިއުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ ޖަމާއަތްތައް ގުޅިގެން ގެންދަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި ޓެލްއަވީވުގެ ކައިރީގައިވާ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތައް ހުއްޓުމެއްނެތި ދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން ޓެލްއަވީވުގައިވެސް ސްކޫލްތައް ބަންދުކޮށްފައިވާއިރު ރައްކާތެރިކަން ހޯދުމަށްޓަކައި އިސްރާއީލުގެ އާންމުންވަނީ ބިންގަރާސްތަކަށް ވަދެފަ އެވެ.

ޓެލްއަވީވުގެ ދެކުނާއި ޓެލްއަވީވުގެ ކައިރީގައިވާ އަވަށްތަކުގެ މަގުތަކުން ފެންނަނީ ވަރަށް މަދު އަދަދެއްގެ ވެހިކަލްކަމަށާއި އާންމުން އެއްގޮތަކަށްވެސް ނުފެންނަ ކަމަށް މުރާސިލުން ބުނެ އެވެ.

އިސްރާއީލުން ވައިގެ ހަމަލާއެއްދީ އިއްޔެ ޝަހީދުކޮށްލި "އިސްލާމިކް ޖިހާދު" ޖަމާއަތުގެ އިސް ކޮމާންޑަރަކީ މިފަހަކަށް އައިސް އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެވެ. އެގޮތުން 2012 ވަނަ އަހަރު އިސްރާއީލުން ޣައްޒާއަށް ހަމަލާދީ ޙަމާސް ގެ އަސްކަރީ ކޮމާންޑަރު އަޙްމަދު އަލްޖަޢްބަރީ އަވަހާރަކޮށްލި ފަހުން އިސްރާއީލު ސިފައިން ފަލަސްޠީނުގެ މިފެންވަރުގެ އަސްކަރީ ކޮމާންޑަރަކު ޝަހީދުކޮށްލާފައެއް ނުވެ އެވެ. (އަލްޖަޒީރާ)