ކުރީގެ ސަރުކާރާއި އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމަށް ވަގަށް ގޮވާ އިރު އަމިއްލަ މީހާގެ "ފޫކޮޅުގައި" ހުރީ ކޯއްޗެއްތޯ އަމިއްލަ އަށް ބަލަން ޖެހޭ ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕާޓީގެ ބައެއް މެންބަރުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ "ވަގު ވަގުތީ ޗެއާޕާސަން" ކަމަށް ތުހުމަތު ކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ ބިލްގެ ބަހުސުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު ވިދާޅުވީ، ސާކް ސަމިޓްގެ މަސައްކަތަށް ރީކޯ މޫސާ މަނިކު ކުންފުނިން ގެން ދިޔަ އެކްސްކަވޭޓަރުތަކުގެ ތެރެއިން "ގްރައުންޑް"ކޮށްފައިވާ ވެހިކަލްތަކަށް ކުލީގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ނަގާފައިވާ ކަމަށާއި އެއީ ހައްގު އެއްޗަކަށް ނޫން ކަމަށް ތުހުމަތުކުރައްވައި އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ސާކް ސަމިޓްގެ ވާހަކަ ނުދައްކާށޭ އަޅުގަނޑުމެންގެ 'ވަގު ވަގުތީ ޗެއާ ޕާސަން' [ރީކޯ މޫސާ މަނިކު] ވިދާޅުވެއްޖެ. އެހެން ނަމަވެސް އެ ވާހަކަ ދައްކަން އެބަޖެހޭ. އަޅުގަނޑަށް އައްޑު އަތޮޅުން އިވުނީ ރީކޯ މޫސާ މަނިކު ސާކް ސަމިޓްގެ ޕްރޮގްރާމަށް ކުއްޔަށް ދީފައި ހުރި އެކްސްކަވޭޓަރުތަކުގެ ތެރެއިން ބައެއް ގްރައުންޓްވެފައި ހުރި ކަމަށް. ޔުޓިލިޓީސް ކުންފުނީގެ އެއް ޑިރެކްޓަރު އަޅުގަނޑުގެ ހާޒިރުގައި އަދި ޕާލަމެންޓްރީ ގްރޫޕުގެ އެތައް މެންބަރުންނެއްގެ ހާޒިރުގައި އެ ވާހަކަ ދެއްކީ. އެއީ ހަގީގަތެއް ކަމަށްވާ ނަމަ އެއީ ތަހްގީގު ކުރަން ޖެހޭ ކަމެއް. އަޅުގަނޑު އެތަކެތިލޮލުން ދުށީމު، އެތަކެތި މަސައްކަތެއް ނުކުރޭ އެކަމަކު އެ އަށް ވަނީ ފައިސާ ނަގާފައި. އެ ފައިސާ އެ ފަރާތަކަށް ހައްގެއްނުވޭ،" ޝިފާގު ވިދާޅުވި އެވެ.

ޝިފާގު ވިދާޅުވީ އަނެކާއާ ދިމާލަށް އިނގިލި ދިއްކުރަން ވާނީ ފުރަތަމަ ތިމާމީހާ ސާފުތާހިރުކޮށް ހުރެގެން ކަމަށެވެ.
"އަޅުގަނޑުމެން އަނެކާއާ ދިމާލަށް ވަގަށް ގޮވާ އިރު، އަޅުގަނޑުމެން މި ތިބީ ކޮން ކަމެއް ކޮށްފައިތޯ ބަލަން އެބަ ޖެހޭ. އަޅުގަނޑުމެން މީހަކަށް ވަގަށް ގޮވަން ޖެހޭނީ އަޅުގަނޑުމެން ވައްކަން ނުކޮށްތިބެގެން. ހަމަ ހުރެފައި ހަސަން ސައީދޭ، ހަމަ ކުރެފައި މައުމޫން އަބުދުލް ގައްޔޫމޭ، ހަމަ ހުރެފައި އަނެއް މީހާއޭ ބުނާ އިރު ތިމާ މީހާގެ 'ފޫކޮޅު'ގައި ހުރީ ކޯއްޗެއްތޯ ތިމާ މީހާ އަމިއްލަ އަށް ބަލައިލަން އެބަ ޖެހޭ،" ރީކޯ މޫސާ އަށް އިޝާރާތް ކުރައްވައި ޝިފާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއިރެއްގައި ހުންނަ ރައީސަކާ ކައިރިވެގެން [ކުރީގެ ވިޔަސް މިއަދުގެ ވިޔަސް] ނާޖާއިޒު ފައިދާ ނެގުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގެންފައިވާ ކަން އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ. އަދި ސަރުކާރާއި ޕާޓީގެ އިސް ބައެއް ފަރާތްތަކާ މެދު ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވެމުންދާ އިރު، އެމްޑީޕީ އެކަމުން ބަރީއަވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަންކަމަކީ ހަގީގަތެއް ކަމަށް ވާނަ އެއީ ތަހްގީގު ކުރަން ޖެހޭ ކަންކަން ކަމަށާއި ސަރުކާރަށް ކިތަންމެ ދަތި ވިޔަސް ރައްޔިތުން ސަލާމަތް ކުރުމަށް މަސައްކަތްކުރަން އެބަ ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރު ހޯރަފުށީ ދާއިރާގެ އަހްމަދު ރަޝީދު ވެސް ވިދާޅުވީ މީޑިއާ އިން ކަންބޮޑުވާވަރަށް އަދި އެމްޑީޕީ މެންބަރުންނަށް އިނގިލި ދިއްކުރެވޭ ވަރަށް ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތައް އިންތިހާ ދަރަޖައަށް އެބަހުރި ކަމަށެވެ.

"ފުރަތަމަ ކަމަށް އަޅުގަނޑު ފާހަގަ ކުރަން ކުރީގެ ސަރުކާރަށް، ނުވަތަ 30 އަހަރަށް އަޅުގަނޑުމެން އިނގިލި ދިއްކުރުމުގެ ބަދަލުގައި ފާއިތުވެގެންމި ދިޔަ މުއްދަތުގައި ހިނގައި ދިޔަ ކޮރަޕްޝަނާއި ނަހަމަ ކަންތައްތައް ބަލަން. އެކަންތައްތައް ބަލަން ޖެހޭ ސަބަބަކީ އަޅުގަނޑުމެން އެތައް ވައުދުތަކެއް ވަމުން ވެރިކަމާ ހަވާލުވެގެން މިހާތަނަށް އައިއިރު ތުހުމަތުގެ އިނގިލި ދިއްކުރެވެނީ ހައްދުފަހަނައަޅާ ދިއުމުން،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިރުގަނެ ޖެހިލުންވާ ވަރަށް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިނގާ ކަމަށެވެ.
"ސަރުކާރަށް ނިސްބަތްވާ ވަރަށް ގިނަ ބޭފުޅުން ސަރުކާރުގެ ބިންތަކަށް ދައްކަން ޖެހޭ ކުއްޔެއް ނުދައްކައި ކަރަންޓް ބިލު ނުދައްކައި، 18 މަސް 14 މަސްވެފައި އެބަ ހުރި. ބިލު ދައްކަން ދިޔައިމާ ހަޅޭއްލަވައިގަނެފައި ފޮނުވާލަނީ. މީ ހަމަ ހަގީގަތް. އަޅުގަނޑުމެން ބިރުގަންނަ މިންވަރަށް، ހާއްސަކޮށް ސަރުކާރުގެ ތެރޭގައި ހުރި ވުޒާރާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިނގާ،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.

ޝިފާގާއި އަހުމަދު ރަޝީދު ދެއްކެވި ވާހަކައާ ގުޅިގެން ކޮމެންޓަކީ ކޮބައިތޯ ސާފުކުރުމަށް މޫސާއާ މިއަދު ގުޅުމުން ވިދާޅުވީ "އަދި އެއްޗެއް ބުނަން ބޭނުން ނޫން" ކަމަށެވެ.