13 Nov 2019, 08:17
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޕޭޝަންޓަކާ ބަދުއަހުލާގީ އަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރާ ފިޒިއޮތެރަޕިސްޓު ވަޒީފާއިން އެކަހެރިކޮށްފި އެވެ.
އައިޖީއެމްއެޗުން ފިޒިއޮތެރަޕީ ހިދުމަތް ހޯދަން ދިޔަ 19 އަހަރުގެ އަންހެން ޕޭޝަންޓަކާ ބަދުއަހުލާގީ އަމަލު ހިންގުމަށް ފިޒިއޮތެރަޕިސްޓު މަސައްކަތްކުރި މައްސަލަ ފުލުހުން ދަނީ މިހާރު ބަލަމުންނެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ނުވަވަނަ ދުވަހުގެ 6:00 އެހާއިރު ކަމަށެވެ.
މައްސަލައިގައި ތުހުމަތު ކުރަނީ އެ ހޮސްޕިޓަލުގައި ފިޒިއޮތެރަޕިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ އުމުރުން 28 އަހަރުގެ ފިރިހެނަކަށެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިފަދަ މައްސަލަތަކަކީ އެ ހޮސްޕިޓަލުން ވަރަށް ސީރިއަސްކޮށް ބަލާ މައްސަލަތަކެއް ކަމަށެވެ.
ނަމަވެސް މައްސަލައިގައި ތުހުމަތުވަނީ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ކަމަށާއި، ރޭޕް ކުރިކަމުގެ ނުވަތަ ކުރަން އުޅުނުކަމަށް ތުހުމަތު ނުކުރާކަމަށް ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވި ގޮތުގައި، މި މައްސަލަ ފެންމަތިވީ ފަހުން ބަޔަކު ހޮސްޕިޓަލަށް ވަދެ، ބަދުއަހުލާގީ އަމަލު ހިންގިކަމަށް ތުހުމަތުވާ ފިޒިއޮތެރަޕިސްޓަށް ހަމަލާދީ، އޭނާ އެކަން ކުރިކަމަށް ގަދަކަމުން އެއްބަސްކުރުވަން އުޅުނު ކަމަށެވެ. އަދި އެ މަންޒަރު ހޮސްޕިޓަލުގެ ސީސީޓީވީ ކެމެރާއަށްވެސް އަރާފައިވާ ކަމަށާއި، އެ ފުޓޭޖުތައް ފުލުހުންނާ ހިއްސާކޮށްފައިވެސް ވާނެ ކަމަށް ވިދާޅުވި އެވެ.
"އެވަގުތު އެތަނުގައި ތިބި ޕޭޝަންޓުންނާއި މުވައްޒަފުންވެސް. އަޅުގަނޑުމެންގެ ޕޭޝަންޓުންނާއި މުވައްޒަފުންގެ ސަލާމަތަށް އަޅުގަނޑުމެން ވަރަށް އިސްކަންދެން. މި މައްސަލަ އަޅުގަނޑުމެން ވާނެ ފުލުހުންނަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ވާހަކަދެއްވި އޮފިޝަލު ވިދާޅުވީ ބަދުއަހުލާގީ އަމަލުތަކަށް ތުހުމަތުވާ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާ އިރު، މިފަދަ ކަންކަން ހޮސްޕިޓަލުން ބަލަނީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ.
"އޭނާ ވަޒީފާގައި ހުރިކަމަށްވެސް ވާހަކަ އެބަ ދެކެވޭ. އެކަމަކު އެއީ ދޮގު މައުލޫމާތެއް. އަޅުގަނޑުމެން ވާނީ ޒިންމާދާރު ގޮތެއްގައި ފިޔަވަޅު އަޅާފައި. އޭނާގެ މައްސަލަ ބަލާތީ ވަޒީފާއިން އެކަހެރިކޮށްފައި ވަނީ،" އޮފިޝަލު ވިދާޅުވި އެވެ.