12 Nov 2019, 21:20
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިދުމަތް ދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި ހާއްސަ ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.
ބޮޑުތަކުރުފާނުމަގު ފަސްމީރު ބިލްޑިންގްގައި ހަދާފައިވާ އެ ސެންޓަރު މިރޭ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ސޯޔާ ވިދާޅުވީ އެ ސެންޓަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ހުޅުވި ފުރަތަމަ ސެންޓަރު ކަމަށެވެ.
"މި ސެންޓަރުން މައިގަނޑު ގޮތެއްގައި ކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމާއި އެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިންމު އިރުޝާދު ދިނުމުގެ މަސައްކަތް،" ސީއީއޯ ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު ޓިމް ސޯޔަރ-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް
މީގެ އިތުރުން އޭނާ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ހުޅުމާލެއާއި ކުޅުދުއްފުށީގައިވެސް ބިޒްނަސް ސެންޓަރުތަކެއް ހުޅުވަން ބީއެމްއެލްއިން ރާވާފައިވާ ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ބިޒްނަސް ސެންޓަރެއް ބީއެމްއެލްއިން ހުޅުވާފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި އެ ވިޔަފާރިތަކަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެސްއެމްއީ (ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސް) ބޭންކިންގް ޑިޕާޓްމަންޓެއް ބީއެމްއެލްގައި ވަނީ ގާއިމުކޮށްފައެވެ.
އެ ޑިޕާޓްމަންޓް މެދުވެރިކޮށް ބީއެމްއެލްއިން ވަނީ 1،300 އަށްވުރެ ގިނަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 800 މިލިއަނަށްވުރެ ގިނަ އަދަދެއްގެ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.