ލ. ފޮނަދޫގައި އަލަށް އަޅާ މިސްކިތުގެ ބިންގާ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އަޅުއްވައިދެއްވައިފިއެވެ.

އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްތާތުގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖްވެސް ބައިވެރިވެލެއްވިއެވެ.

އެ މިސްކިތަކީ ދައުލަތުގެ ބަޖެޓުން 5.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރާތްކުރާ މިސްކިތެކެވެ.

ފޮނަދޫ ކައުންސިލުގެ ރައީސް އަހުމަދު ރިޔާޒް "ސަން" އަށް ވިދާޅުވީ އެ މިސްކިތް އިމާރާތް އަޅަނީ އެރަށުގެ ކުރިގަމު އަވަށުގައި ކަަމަށެވެ. އިނޯކާ ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްގެން ހަދާ އެ މިސްކިތް 300 ދުވަހުން ނިންމާގޮތަށްވެސް ހަމަޖެހިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

" މިއީ 500 މީހުންގެ ޖާގައިގެ މިސްކިތެއް. ކުރިގަމު އަވަށަކީ ގާދޫއިން މިރަށަށް މީހުން ބަދަލުކުރި ސަރަހައްދު. ދެން އެތަނަކީ އަލަށް އާބާދުވާ ހިސާބެއްވެސް މެ،" ރިޔާޒް ވިދާޅުވިއެވެ.

ކައުންސިލުގެ ރައީސް ވިދާޅުވީ ކުރިގަމު އަވަށުގައި މިހާރުވެސް މިސްކިތެއް ހުންނަ ނަމަވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށެވެ.