21 Nov 2011, 16:52
ޕޯޓޯގެ ބްރެޒިލް ފޯވާޑް ހަލްކް ހޯދުމަށް ފްރާންސް ގެ ކުލަބެއް ކަމަށްވާ ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ސްޕޯޓިންގް ޑިރެކްޓަރު ލިއަނާޑޯ ބޭނުންވާ ކަމުގައި ހަލްކްގެ އެޖެންޓް ބުނެފި އެވެ.
ޗެލްސީ އާއި ރަޝިޔާގެ އަންޒީ މަކަޝްކަލާ އިން ވެސް ހަލްކް ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ. މިސީޒަން ފެށުމުގެ އުމުރުން 25 އަހަރުގެ ފޯވާޑް ހަލްކް ހޯދުމުގެ އެންމެ ކުރީގައި އުޅުނީ އަންޒީ އެވެ. މިސީޒަނުގައި ޕީއެސްޖީ އިން ހަލްކް ހޯދުމަށް ބޮޑު މަސައްކަތެއް ކުރާނެ ކަމުގެ ރިޕޯޓްތަކެއް ދާދި ފަހުން އާންމު ވެފައި ވެއެވެ.
"ހަލްކް ހޯދުމަށް ޕީއެސްޖީ އިން ރަސްމީ ސިފައެއްގައި އަދި ހުށަހެޅުމެއް ހުށައެއް ނާޅާ. ނަމަވެސް ލިއަނާޑޯ އަބަދު ވެސް ހަލްކް ހޯދުމަށް ބޭނުންވޭ. އޭނާ އޭސީ މިލާން އަދި އިންޓަމިލާންގައި ހުރި އިރުވެސް ހަލްކް ހޯދުމަށް މަސައްކަތް ކުރި. ކޮންމެ ކުޅުންތެރިއެއް ވެސް ޕީއެސްޖީ އާއި ގުޅެން ބޭނުންވާނެ. ހާއްސަކޮށް ބްރެޒިލް ކުޅުންތެރިން." ހަލްކް ގެ އެޖެންޓް ޓިއޮޑޯރޯ ފޮންސެކާ ބުންޏެވެ.