އަންނަ އަހަރަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓުން، އެދެވޭ ސްޕީޑުގައި މައްސަލަތައް ނުބެލޭނެކަމަށް ބުނެ، 41 މިލިއަން ރުފިޔާއަށް ބަޖެޓު އިތުރުކޮށްދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަދު އެދިއްޖެއެވެ.

2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދީފައިވަނީ 34.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މިދިޔަ އަހަރު ރިވައިޒްކުރި އަދަދަށްވުރެ 1،6 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ އެ ކޮމިޝަނުން މައްސަލަ ބަލާ ސްޕީޑު ދަށްވާ މައިގަނޑު އެއް ސަބަބަކީ މުވައްޒަފުންގެ އަދަދު މަދުވުން ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތް މިއަށްވުރެ އަވަސްކުރަން އިތުރު 25 މުވައްޒަފުން ބޭނުންވޭ. އާންމުކޮށް އޭސީސީއަށް ކޮރަޕްޝަންގެ ޝަކުވާގެ އިތުރުން ދެން އެންމެ ގިނައިން އަންނަ ޝަކުވާއަކީ މައްސަލަތައް ލަހުން ނިމޭކަމުގެ ޝަކުވާ،" ޝިއުނާ ވިދާޅުވިއެވެ.

އޭސީސީގެ މެމްބަރުން މިއަދު ފާހަގަކުރި ގޮތުގައި، މިހާރު ކޮމިޝަނުގައި ތިއްބެވި މެމްބަރުން ކޮމިޝަނާ ހަވާލުވި އިރު، 2009 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނަކަށް ހުށަހަޅާފައި ހުރި 800 އަށް ވުރެ ގިނަ މައްސަލަ ވާރުތަވަމުން އައިސްފައި އެބަ ހުއްޓެވެ.

އެ މައްސަލަތަކާއެކު މިހާރު ވެސް އެ ކޮމިޝަނަށް ލިބޭ މައްސަލަތައް ބަލަމުންދާ ކަމަށާއި މައްސަލަތައް ބެލުމުގައި ލަސްވަނީ އެ ސަބަބާހުރެ ކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވި އެވެ.

އޭސީސީގައި މިހާރު ޖުމްލަ 107 މުވައްޒަފުން ވަޒީފާ އަދާކުރަމުންދާއިރު، އޭގެ ތެރެއިން އިންވެސްޓިގޭޓަރުންގެ އަދަދަކީ 45 އެވެ.

ކޮމިޓީ ބައްދަލުވުމުގައި އޭސީސީން އިތުރަށް ފާހަގަކުރި ޝަކުވާތަކުގެ ތެރޭގައި އެކަށީގެންވާ ޒަމާނީ ވަސީލަތްތައް ނެތުމުގެ މައްސަލަ ހިމެނެއެވެ. އެގޮތުން މިހާރު އެ ކޮމިޝަނުގައި ބޭނުންކުރާ ސިސްޓަމްތަކަކީ ޒަމާނަށް ނުފެތޭ، "އައުޓްޑޭޓް" ވެފައިވާ ސިސްޓަމްތަކެއް ކަމަށާއި އޭގެ ސަބަބުންވެސް މަސައްކަތްތަކަށް ބުރޫއަރާކަމަށް ކޮމިޝަނުގެ މެމްބަރުން ފާހަގަކުރެއްވިއެވެ.

އިތުރަށް ބޭނުންވާ ފައިސާ ޚަރަދުކުރަން ރާވާފައިވާ މައިގަނޑު ދާއިރާތައް

  • އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް (1.7 މިލިއަން ރުފިޔާ)
  • މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް (1.7 މިލިއަން ރުފިޔާ)
  • މުވައްޒަފުން ބިނާކުރުމަށް (700،000 ރުފިޔާ)
  • އިންޓެލިޖެންސް ޔުނިޓު ފުޅާކުރުމަށް (300،000 ރުފިޔާ)

އޭސީސީން ބުނީ އެ ކޮމިޝަނުން އަންނަ އަހަރަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ހުށަހެޅިއިރު، މިފަދަ 21 ކަމެއް ހިމަނާފައިވާނެ ކަމަށެވެ.