12 Nov 2019, 16:29
ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުން ދަނީ ގާނޫލާ ހިލާފަށް ކަމަށާއި، އެ މައްސަލައާ ގުޅިގެން ޖޭއެސްސީއިން އެމަނިކުފާނަށް ފޮނުވި ރިޕޯޓަށް ޖަވާބުދާރީވާން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްތަކުގެ ބޭރުން ނިންމާފައިވާ ކަމަށް ބުނާ ނިންމުންތަކުގެ މައްސަލަ ބަލަން ޖޭއެސްސީއިން ވަނީ ނިންމައިފަ އެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޖޭއެސްސީން ކުރި ތަހުގީގުގެ ރިޕޯޓް އެމަނިކުފާނަށް ފޮނުވުމުން އެމަނިކުފާނު ވަނީ އެ ރިޕޯޓް ބަލައި ނުގަނެ ފޮނުވާލައްވައިފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ރިޕޯޓާ ގުޅިގެން އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީއަަށް ސިޓީފުޅެއް ފޮނުއްވައިފަ އެވެ. އެ ސިޓީފުޅުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކާ ގުޅިގެން ފަނޑިޔާރަކަށް ފިޔަވަޅު އެޅުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޯޓުގެ ނިންމުމެއް ގޯސް ކަމަށް ބުނެ މައްސަލަ ބެލުމަކީ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުން ކަމަށާއި، ކޯޓުގެ ހުރުމަތް ކެނޑުން ކަަމަށްވެސް ސިޓީފުޅުގައިވެ އެވެ.
ބާތިލު ކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމެއް ބާތިލުވާނެ ކަން ފާހަގަކުރައްވައި، އެ ތުހުމަތުތަކަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށް އެ ސީޓީފުޅުގައި ވިދާޅުވި ކަމަށް އެނގިފައިވެ އެވެ. އޭގެ އިތުރުން، އެމަނިކުފާނު އެ ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންފި ނަމަ އެއީ ބާތިލުކަމަކަށް ގާނޫނީ ބުރަދަން ދިނުން ކަމުގައިވެސް ސިޓީފުޅުގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ޖޭއެސްސީގެ ތަހުގީގަށް ހާޒިރުވާން އެންގި އަމުރަކީވެސް ބާތިލު އަމުރެއް ކަމަށް ވިދާޅުވެ، ތަހުގީގަށް ހާޒިރުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށް އެމަނިކުފާނުގެ ސިޓީފުޅުގައިވެ އެވެ.
ޖޭއެސްސީއިން މިއަދު ހާމަ ކުރި ގޮތުގައި އުއްތަމަ ފަނޑިޔާރުގެ 18 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. އޭގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އަބްދުﷲ އަރީފްގެ 14 މައްސަލައެއް، އާދަމް މުހައްމަދު އަބްދުﷲގެ 16 މައްސަލައެއް އަދި އަބްދުލްޣަނީ މުހައްމަދުގެ ތިން މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދެ އެވެ.
އެ ހަތަރު ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރާ އިހްތިސާސުން ބޭރުން ކަންތައް ކުރުމުގެ މައްސަލަ އަކީ، ގާނޫނު އަސާސީއާ ހިލާފަށް، ދައުލަތުގެ ދެން އޮންނަ ދެ ބާރު ކަމަށްވާ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ބައެއް ދަށު ކޯޓުތަކާއި މިނިވަން މުއައްސާތަކުގެ އިހުތިސާސްގެ ތެރެއަށް ވަން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. ޖޭއެސްސީއިން ބުނި ގޮތުގައި އެ ކޮމިޝަންތަކަކީ ޖޭއެސްސީގެ އިތުރުން، އިލެކްޝަންް ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނެވެ.