12 Nov 2019, 16:03
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސެކުރެޓެރީ (ޕީއޭ) ވަގުތީ ގޮތުން ސަސްޕެންޑް ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ނިންމައިފި އެވެ.
"ސަން"އަށް ކަށަވަރުވެފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީގެ ޕީއޭގެ ގޮތުގައި މަސައްކަތް ކުރައްވާ، އާތިކާ އިބްރާހިމް ސަސްޕެންޑް ކުރަން ނިންމީ ޑީޖޭއޭއިން މިހާރު ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އެވެ. އާތިކާ ސަސްޕެންޑް ކުރީ މާދަމާއިން ފެށިގެން ތަހުގީގު ނިންމައި ޑީޖޭއޭއިން ވަކި އެއްޗެއް އަންގަންދެން ކަން ވެސް އެނގިފައިވެ އެވެ.
އެކަމާ ގުޅިގެން ޑީޖޭއޭއަށް ގުޅުމުން، އެ އިދާރާއިން ބުނީ އިދާރީ މުވައްޒަފުންނާ މެދު އެ އޮފީހުން އަޅާ ފިޔަވަޅުތައް އާންމުކުރާ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ޑީޖޭއޭގެ މަސައްކަތަށް ހުރަސްއަޅައި ކަމަށް ބުނާ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުން އެވެ. އެހެން ނަމަވެސް، ޖޭއެސްސީގެ އެންގުންތަކުގައި ގާނޫނީ ބާރެއް ނެތް ކަމަށް ބުނެ އެ ކޮމިޝަނަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރު ގެންދަވަނީ ދެކޮޅު ހައްދަވަމުން އެވެ.