13 Nov 2019, 08:23
އައްސުލްތާނާ ހަދީޖާ ސްރީ ރާދަ އަބާރަނަ މަހާ ރެހެންދީ ނުވަތަ އާންމު ނަމުން ނަމަ ރެހެންދީ ހަދީޖާ އަކީ ހުރިހާ އެންމެނަށްވެސް އެނގޭނެ ފަރާތެކެވެ. ރެހެންދީ ހަދީޖާގެ ވާހަކަ ތަފާތު ގޮތްގޮތަށް ތާރީހުގައި ލިޔެފައިވެ އެވެ. ސޯޝަލް މީޑިއާ އާއި ޑިޖިޓަލް އާޓުގެ ޒަމާނުގައި ރެހެންދީ ހަދީޖާގެ ވާހަކަ އަދި މާ ތަފާތެވެ. މިއީވެސް އެއިން އެއް ވާހަކަ އެވެ.
އުމުރުން 23 އަހަރުގެ ހުސައިން އަލީގެ ޔުނިވާސިޓީ ޕްރޮޖެކްޓަށް ތައްޔާރުކޮށްފައިވަނީ ރެހެންދީ ހަދީޖާގެ ކޮމިކް އެކެވެ. ނަމަވެސް މިއީ އާދައިގެ ތާރީހީ ވާހަކައެއްގެ ގޮތުގައި ފެނިގެންދާ ކޮމިކް އެއް ނޫނެވެ. މި ކޮމިކްގައި ރެހެންދީ ހަދީޖާ ދަނީ "ފިއުޗާ" އަށެވެ.
މި ކޮމިކްގައި ރެހެންދީ ހަދީޖާ ދައްކުވައިދޭނީ ސުޕަހީރޯ އެއްގެ ގޮތުގައެވެ. އެގޮތުން 1347 އިން ފެށިގެން 600 އަހަރު ފަހަށް ރެހެންދީ ހަދީޖާ ދަތުރުކުރާ ވާހަކަ މި ކޮމިކް އިން ފެނިގެންދާނެއެވެ.
މެލޭޝިއާގެ އައިއެންޓީއައި އިންޓަނޭޝަނަލް ޔުނިވާސިޓީގެ އާޓްސް ދަރިވަރެއް ކަމަށްވާ ހުސައިން، "ސަން" އަށް ކިޔައިދެމުން ބުނެފައިވަނީ އެ ކޮމިކް އަކީ ޔުނިވާސިޓީގެ ކްރިއޭޓިވް ޑް ރޯއިން ޕްރޮޖެކްޓަށް ހުށަހަޅާ ކޮމިކެއް ކަމަށެވެ. އަދި ކޮމިކް ތައްޔާރުކުރުމަށް ދެ މަސް ހޭދަވި ކަމަށް އޭނާ ބުންޏެވެ.

ކޮމިކް ފޮތުން ގަނޑެއް ---
"ކޮމިކްގެ ވާހަކަ ބުނުމުންވެސް ވަގުތުން ހިތަށް އެރީ ރެހެންދީ ހަދީޖާއާ ގުޅުންހުރި އެއްޗެކޭ ހަދާނީ. އަސްލު ބޭނުންވީ އަހަރެންނަށްވެސް އެނގޭ އަދި އެހެން މީހުންނަށްވެސް ޝައުގުވެރިވާނެ އެއްޗެއް ގެނެސްދޭން،" ހުސައިން ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ ޕްރޮޖެކްޓަށް ސްކްރިޕްޓް ލިޔެ ކެރެކްޓަރުން ޑިވެލޮޕްކުރުމަށް ގިނަ ވަގުތެއް ހޭދަވި އެވެ.
"އަސްލު އެންމެބޮޑަށް އުނދަގުވި މަސައްކަތަކީ މޫނުގެ ފީޗާސްތައް ކުރެހުން. އަދި އެއްފަހަރު ކުރުހާފައިވާ އެއްޗެއްގެ ކޮންސިސްޓެންސީ ދަމަހައްޓަން އުނދަގުވި،" އޭނާ ކިޔައިދިނެވެ.
ކޮމިކްގައި ބޭނުންކޮށްފައިވާ ކޮސްޓިއުމްތަކުގެ ހިޔާލު ނަގާފައިވަނީ ދިވެހި ހެދުމުން ކަމަށް އޭނާ ބުންޏެވެ.
ޔުނިވާސިޓީގެ ޕްރޮޖެކްޓެއްގެ ގޮތުގައި އެ ތައްޔާރުކޮށްފައިވަނީ ވަރަށް ކުރުކޮށް ކަމަށް ފާހަގަކޮށް ހުސައިން ބުނީ މިހާރު ފުރިހަމަ ކޮމިކް އެއްގެ ގޮތުގައި އެ ވާހަކަ ތައްޔާރުކުރަމުން ދާ ކަމަށެވެ. އަދި މިހާރު އެ ކޮމިކް އިތުރަށް ފުޅާކޮށް ސްކްރިޕްޓުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އޭނާ ބުންޏެވެ.
އެ ކޮމިކް ރިލީޒުކުރުމަށް ޕަބްލިޝަރުންނާ ވާހަކަ ދައްކަމުންދާ ކަމަށާއި ޝައުގުވެރިވާނެ ބަޔަކު ނުވެއްޖެނަމަ އަމިއްލަ ގޮތުންވެސް އެ ކޮމިކް ރިލީޒްކުރާނެ ކަމަށް އޭނާ ބުންޏެވެ.
ދިވެހިންނާއި އިނގިރޭސީން ކޮމިކް އުފައްދާއިރު އަންނަ އަހަރުގެ ތެރޭގައި އެ ކޮމިކް ރިލީޒްކުރުމަަށް އުއްމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.