21 Nov 2011, 16:47
ސްޕެއިންގެ ރެއާލް މެޑްރިޑަށް މިސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލު ކުރާކަމަށް އެކުލަބުގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ރެއާލް ވަނީ ޗެމްޕިއަންސް ލީގު ފުރަތަމަ ހަތަރު މެޗުން މޮޅުވެ ހޯދި ބާރަ ޕޮއިންޓާއެކު މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. ރެއާލް އަށް ބިރެއްގެ ގޮތުގައި ޓީމުތަކެއް ހުރި ނަމަވެސް ޗެމްޕިއަންސް ލީގު ޓްރޮފީ އާއި ހަމައަށް ވާސިލު ވެވިދާނެ ކަމަށް ރޮނާލްޑޯ ގަބޫލު ކުރެއެވެ.
"މިކުލަބުގައި ހުރެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުން ވެގެންދާނީ ލިބޭނެ ބޮޑު ޝަރަފަކަށް. ރެއާލް އަކީ އަބަދުވެސް މިމުބާރާތުގެ ފޭވަރިޓެއް. މިމުބާރާތް ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަށް ވިޔަސް އެއީ ނުވާނެ ކަމަކަށް ނުދެކެން. ޗެލްސީ، ބާސެލޯނާ، މެންޗެސްޓާ ޔުނައިޓެޑް، އޭސީ މިލާން، އިންޓަމިލާން އަދި ބެޔާން މިއުނިކަކީ އެންމެ ވާދަވެރި ޓީމުތައް." ރޮނާލްޑޯ ބުންޏެވެ.
ރެއާލް ގެ މިހާރު ގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެއް ކަމަށް ދެކޭ ކަމަށާއި އެސްކޮޑާއި އެކު މުބާރާތް ކާމިޔާބު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށްވެސް ޕޯޗުގަލް ތަރި ރޮނާލްޑޯ ބުނެފައި ވެއެވެ.
"މިއީ އަހަރެން މިކުލަބާއި ގުޅުނު ފަހުން އުފެދުނު އެންމެ ވަރުގަދަ ސްކޮޑަށް ވެދާނެ. ނަމަވެސް މިކަން ސާބިތު ކުރުމަށް އަހަރެމެން ކާމިޔާބީ ހޯދަން ޖެހޭނެ. މިހާރު މިކުޅޭ ގޮތަށް ކުޅެ ފަހު ވަގުތު އަހަރެމެންނަށް އެކަމާއި މެދު ފަހުރުވެރިވާ ވަރު ކުރެވިދާނެ." ރޮނާލްޑޯ ބުންޏެވެ.
ރެއާލް މެޑްރިޑަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އުފެދުނު އެންމެ ކާމިޔާބީ ޓީމެވެ. ނަމަވެސް 2001-02 ވަނަ ސީޒަނަށް ފަހު ޗެމްޕިއަންސް ލީގުގެ ތައްޓެއް ރެއާލް އަށް ލިބިފައެއް ނުވެއެވެ.