ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިންގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ޔާމީންގެ ފަރާތުން ވަނީ، އެމަނިކުފާނުގެ މައްސަލަ ބެންޗަކުން ބަލައިދިނުމަށް އެދި ކްރިމިނަލް ކޯޓަށް ސިޓީލައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބެލުމަށެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދާއި، ގާޒީ އަހުމަދު ޝަކީލާއި ގާޒީ މުހައްމަދު ސަމީރާއި ގާޒީ އަލީ އާދަމް އަދި ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ.

ރައީސް ޔާމީންގެ މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ. އެ މައްސަލައިގައި ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް، މި މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ ހައިލަމް ސަސްޕެންޑުކޮށްފަ އެވެ.

ޖޭއެސްސީއިން ހައިލަމް ސަސްޕެންޑު ކުރީ، ރަައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައި ހުންނަ މަންޒަރު ފެންނަ ކާޓޫނަކާ އެކު ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި މައްސަލައެއްގަ އެވެ.

އޭގެ އިތުރުން، ކުރީގެ މެމްބަރު އަލްހާން ފަހުމީ އަތުން ދެ ލައްކަ ރުފިޔާ ހައިލަމް ނެގި މައްސަަލައެއްވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.

ހައިލަމް ސަސްޕެންޑު ކުރުމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ތުހުމަތު ކުރެއްވީ، ޖޭއެސްސީއިން ހުކުމަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށެވެ. އަދި އެ ފަހުން ދެ ފަހަރެއްގެ މަތިން ރައީސް ޔާމީންގެ މައްސަލަ ބެންޗަކުން ބަލައިދިނުމަށް އެދި ވަކީލުން ކްރިމިނަލް ކޯޓަށް ސިޓީލި އެވެ.