މިއަހަރުގެ ޤައުމީ ވޮލީ ލީގުގައި އިއްޔެ ކުޅުނު މެޗްތައް ޕީކޭ އާއި އެސްޓީއޯ އިން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި އިއްޔެ ކުޅުނު ދެ މެޗްގެ ތެރެއިން ފުރަތަމަ މެޗް ޕީކޭއިން ކާމިޔާބު ކުރީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.

މެޗްގެ ސެޓްތައް ޕީކޭއިން ކާމިޔާބު ކޮށްފައިވާގޮތަށް ބަލާއިރު، ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25 ޕޮއިންޓް 16 ޕޮއިންޓުންނެވެ. ދެ ވަނަ ސެޓް ޕީކޭއިން ކާމިޔާބު ކުރީ 25 ޕޮއިންޓް 19 ޕޮއިންޓުން ނެވެ. އަދި ތިން ވަނަ ސެޓް ޕީކޭ އިން ކާމިޔާބު ކުރީ 20 ޕޮއިންޓް 14 ޕޮއިންޓުން ނެވެ.

މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ކުލަބް ޕީކޭގެ ބިދފޭސީ ކުޅުންތެރިޔާ އެސްއޭ ޖަނަތެވެ.

މުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗް އެސްޓީއޯ ކާމިޔާބު ކުރީ، ސްޕޯޓްސް ކްލަބު ސިޓީއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.

މެޗުގެ ސެޓުތައް އެސްޓީއޯ އިން ގެންގޮސްފައިވާ ގޮތަށްބަލާއިރު، ފުރަތަމަ ސެޓް ގެންދިޔައީ 25 ޕޮއިންޓް 13 ޕޮއިންޓުންނެވެ. ދެ ވަނަ ސެޓް ގެންދިޔައީ 25 ޕޮއިންޓް 19 ޕޮއިންޓުންނެވެ. އަދި ފަހު ސެޓް އެސްޓީއޯ އިން ގެންދިޔައީ 25 ޕޮއިންޓް އަށް ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯސްޓީއޯގެ އަލީ ހުޒާމެވެ.

ފުރަތަމަ ޑިވިޒަންގެ އަށް ޓީމް ވާދަކުރާ މިމުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ.


މިމުބާރާތުން އެންމެ ރަނގަޅު ހަތަރު ޓީމެއް 43 ވަނަ ޤައުމީ މުބާރާތަށް ކޮލިފައިވާނެވެ. އަދި ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.