އަންނަ މަހު އިންޑިޔާގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ދިވެހިރާއްޖެ ގައުމީ ޓީމަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑު 23 ކުޅުންތެރިންނަށް މަދު ކޮށްފި އެވެ.

ވިކްޓަރީގެ މުހައްމަދު ރަޝީދު (ހޮކޭ) އާއި މާޒިޔާގެ މުހައްމަދު ތަސްނީމް (މޯޑު) އަދި މުހްތާރް ނަސީރު (ޓޫކިލޯ) އުނިކޮށްފައިވާ ކަމަށް ރާއްޖެ ގައުމީ ޓީމުގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ. ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން 23 ކުޅުންތެރިންގެ ސްކޮޑު 20 ކުޅުންތެރިންނަށް މަދުކުރެވޭނެ ކަމަށް ވެސް ބަލަކް ވިދާޅިވި އެވެ.

"26 ކުޅުންތެރިންގެ ސްކޮޑު މިހާރު ވަނީ 23 އަށް ރިތިކުރެވިފަ. އެއީ މައިގަނޑު ގޮތެއްގައި އަނިޔާގެ މައްސަލަ ތަކުގެ ސަބަބުން. އޭގެ ތެރެއިން ވިކްޓަރީގެ ހޮކޭ ބާކީ ކުރެވުނީ ލިބިފައިވާ އަނިޔާއަކާއި ގުޅިގެން. މާޒިޔާގެ ތަސްނީމް ވެސް ބާކީ ކުރެވުނީ ލިބުނު އަނިޔާ އަކާއި ގުޅިގެން. ޓޫކިލޯ ވެސް ފަޔަށް ލިބުނު އަނިޔާ އާއި ގުޅިގެން ވަނީ ބާކީކުރެވިފަ. ޓޫކިލޯ ސްކޮޑުން ބާކީ ކުރީ އޭނާގެ ވެސް އެދުމުގެ މަތިން. މެލޭޝިއާ ގެ ދަތުރަށް ފަހު އައިޖީއެމްއެޗް ޓޫކިލޯ ޓެސްޓް ތަކެއް ހަދާފައިވޭ. ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން އަދި ސްކޮޑު 20 ކުޅުންތެރިންނަށް މަދުކުރެވޭނެ." މެނޭޖަރު ބަލަކް ވިދާޅުވި އެވެ.

ރާއްޖެ އަށް ފުރަތަމަ ފަހަރު ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްދިން ޓޫކިލޯ ނެތުމަކީ ޓީމަށް ލިބޭނެ އުނިކަމެއް ކަމަށް ވިޔަސް އެތަން ފޫބެއްދުމަށް ބުރަ މަސައްކަތެއް ކުރާނެ ކަމަށް ރާއްޖެ ގައުމީ ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ ވަނީ ބުނެފަ އެވެ.

"ޓޫކިލޯ ގެއްލުމަކީ ޓީމަށް ލިބުނު ބޮޑު ދެރައެއް. ޓޫކިލޯ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިއެއް. އަހަރެމެން ވަރުގަދަ ކުޅުމެއް ދައްކާ ޓޫކިލޯ ނެތްތަން ފޫބެއްދުމަށް މަސައްކަތް ކުރާނަން." ކޯޗް އުރުބާނީ ބުންޏެވެ.

ދެހާސް ނުވަވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ދިވެހި ރާއްޖެ އަތުން މޮޅުވުމަށް ފަހު ތަށި ކާމިޔާބު ކުރީ އިންޑިޔާ އެވެ. ދެހާސް އަށްވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިވެހިރާއްޖެ ކާމިޔާބުކުރީ އިންޑިއާ އަތުން 1-0 ލަނޑުން މޮޅުވުމަށް ފަހުއެވެ. އެމެޗުގައި ރާއްޖެއިން ކާމިޔާބުކުރި ލަނޑު ޖަހައިދީފައިވަނީ ޓޫކިލޯ އެވެ. ނަމަވެސް މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ބައިވެރިވާން ޖެހޭނީ ޓޫކިލޯ އާއި ނުލައެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މާދަމާ ރެއާއި އަންނަ ބުރާސްފަތި ދުވަހު ޝީޝެލްސް ގެ ގައުމީ ޓީމާއި ދެކޮޅަށް ރާއްޖެ ގައުމީ ޓީމު ނުކުންނާނީ އުނިކުރި ތިން ކުޅުންތެރިން ނުލައެވެ. ހުސްވި އޮގަސްޓް މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗު ޝީޝެލްސް އިން ކާމިޔާބުކުރީ 5-1 ލަނޑުން ނެވެ. އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ޝީޝެލްސް އެވެ.