ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލާގައި، އެމައްސަލަ ބަލާ ކޮމިޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރަށް ފޮނުވި ނޯޓިހާ ހަވާލުނުވެ އަނބުރާ ފޮނުވާލައިފި އެވެ.

އެ ނޯޓިހަކީ ސުޕްރީމް ކޯޓުން ގާނޫނާހިލާފަށް ބަލާފައިވާ 17 މައްސަލައާ ގުޅިގެން ޖޭއެސްސީއިން ބަލަމުންދާ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައިގެ ތަހުގީގު ކޮމިޓީއަށް ހާޒިރުވުމުގެ ނޯޓިހެވެ.

ޖޭއެސްސީއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީއަށް ޖޭއެސްސީގެ ނޯޓިހެއް ހަވާލުކުރުމަށް ގޮތް ނޭންގޭ މީހަކު މަސައްކަތް ކުރި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ މުވައްޒަފަކާ ހަވާލާދީ ބައެއް މީޑިއާތަކުން ލިޔެފައިވަނީ ދޮގު ހަބަރެއް ކަމަށެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ހާޒިރުވުމަށް އުއްތަމަ ފަނޑިޔާރަށް ހަވާލުކުރަން ޖެހޭ ނޯޓިހެއް ހަވާލުކުރުމަށް އެކޮމިޝަނުގެ މުވައްޒަފަކު މިއަދު އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ދިޔަ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ގޮސް ކޮމިޝަނުގެ މުވައްޒަފެއްކަން އަންގައިދޭ ކާޑުވެސް ދެއްކި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"މުވައްޒަފާ މުހާތަބުކުރައްވައި ތިޔައީ ކޮންފަރާތެއްތޯ [އުއްތަމަ ފަނޑިޔާރު] އެއްސެވުމުން އެ މުވައްޒަފު އޭނާގެ ނަން އުއްތަމަ ފަނޑިޔާރަށް ދަންނަވައި އަދި މުވައްޒަފުގެ އައިޑެންޓިޓީ ކާޑު ދައްކައި. އޭނާއަކީ ޖޭއެސްސީގެ ލިޔުމެއް ހަވާލު ކުރުމަށް ފޮނުވި މުވައްޒަފެއް ކަމަށް އުއްތަމަ ފަނޑިޔާރަށް ދަންނަވާފައިވެ އެވެ." ޖޭއެސްސީއިން މިރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރު އެ ނޯޓިހާ ހަވާލުވެވަޑައިނުގެން އެމަނިކުފާނުގެ ގެކޮޅަށް ވަންނަވައި ދޮރު ލެއްޕެވީ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

މީގެކުރިންވެސް އުއްތަމަ ފަނޑިޔާރު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ފޮނުވާ ލިޔުންތަކާއި ސުލޫކީ މައްސަލައިގެ ތަހުގީގު ރިޕޯޓުވެސް އުއްތަމަ ފަނޑިޔާރުވަނީ ބަލައިނުގެއް އަނބުރާ ފޮނުވާލާފަ އެވެ. އަދި ޖޭއެސްސީއިން ދިނަ ނަސޭހަތްވެސް އުއްތަމަ ފަނޑިޔާރު ގަބޫލުފުޅު ކުރައްވާފައެއް ނުވެ އެވެ.

މިހާރު ޖޭއެސްސީއިން އުއްތަމަ ފަނޑިޔާރުގެ ސުލޫކީ ތިން މައްސަލައެއް ދަނީ ބަލަމުންނެވެ.