ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ ބޭއްވުމަށް ތާވަލުކޮށްފި އެވެ.

ޖޭއެސްސީން މިއަދު ބުނީ، އާދަމް މުހައްމަދު އަބްދުﷲއާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާގެ އަޑުއެހުން މާދަމާ މެންދުރުފަހު 15:00 ގައި ޖުޑީޝަލް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން ސެކްޝަން (ޕޯސްޓް ބިލްޑިންގ 6 ވަނަ ފަންގިފިލާގައި) އޮންނާނެ ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެދިވަޑައިގެންފައިވާ ގޮތަށް އެ އަޑުއެހުން ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ. އަދި ޖާގައޮތް މިންވަރަކަށް މީޑިއާތަކަށް އަދި އާންމުންނަށް ވެސް ފުރުސަތު ދޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުން ގެންދަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން އެ ކޯޓުން ބަލަމުން ދިޔަ މައްސަލައެއްގެ ފައިލް ފޮނުވުމަށް އަންގައި، އަދި އެ ފައިލް ސިވިލް ކޯޓުން ސުޕްރީމް ކޯޓަށް ގެނައުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ފަރާތަށް ގާނޫނުން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު ގެއްލި އަދި އަދުލު އިންސާފުގެ ހަމަޔާއި އުސޫލު ގެއްލޭކަމަށް ބުނެ ބެލި މައްސަލައަކާ ގުޅިގެން ޖޭއެސްސީން އޭނާއަށް ދިން ނަސޭހަތް ގަބޫލު ނުކުރުމުންނެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް އޭނާއާއެކު ދެ ވަކީލަކު ހާޒިރުވިއެވެ. އެއީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ޖުޑިޝަލް އެކެޑެމީގެ ކުރީގެ ޗަންސެލަރު އަހްމަދު މާޖިދެވެ. ނަމަވެސް އެ މައްސަލަ ބަލާ ކޮމިޓީން ވަނީ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލް ހަމަނުޖެއްސޭނެކަމަށް ނިންމާފައެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، ޑރ. ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ބައްލަވާ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު އިންނަވާތީއެވެ.

އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ތިއްބަވަނީ ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި އޭޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު އާއި ހިސާން ހުސައިންގެ އިތުރުން އަބްދުލްމާނިއު ހުސައިން އަދި ޑރ. އަލީ ޝަމީމް އެވެ.