މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ ހަރަދު، 18 ޕަސެންޓް އިތުރުވެ ދައުލަތުން ކުރި ހަރަދު 9.6 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

އޮކްޓޯބަރު މަހުން ފެށިގެން ހަފުތާ އަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމު ކުރާ ދައުލަތުގެ އާމްދަނީ އާއި ހަރަދުގެ ތަފުސީލް ބަޔާނުގައިވާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް 7.8 ބިލިއަން ރުފިޔާ ލިބިފައިވާ އިރު 9.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެއީ މިދިޔަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހަރަދު ކުރި 8.8 ބިލިއަން ރުފިޔާ އާއި އެ މުއްދަތުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހަށް ]35 ދުވަހުގެ ހަރަދަށްވާ[، 793 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ، ހަރަދު ކުރެވުނު ނިސްބަތް 18 ޕަސެންޓް އިތުރު އަދަދެކެވެ.
ހަރަދުތައް ކޮށްފައިވާ ގޮތުގެ ތަފްސީލަށް ބަލާ އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ރިކަރަންޓް ހަރަދުގެ ދެ ބައިކޮށްފައި އެއްބަޔާ ގާތްކުރާ، 3.9 ބިލިއަން ރުފިޔާ، ހަރަދުކޮށްފައި ވަނީ މުވައްޒިފުންގެ މުސާރަ އާއި އެލަވަންސްތަކަށެވެ.

ދައުލަތުން ދަތުރުފަތުރުކުރުމަށް ވެސް ވަނީ 103 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

މިއަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން 2.5 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ މުއްދަތުގައި ސަރުކާރުގެ މިނިސްޓްރީއަކުން އެންމެ ގިނަ އިން ހަރަދުކޮށްފައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން 1.4 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެހެން ތަފުސީލްތަކަށް ބަލާ އިރު މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ 17 އަށް ސަރުކާރުގެ އެހީ އާއި ސަބްސިޑީ އަދި އިޝްތިހާރު ކުރުމަށް 1.01 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެ މުއްދަތުގައި ސަރުކާރުން ހިއްސާވާ ކުންފުނިތަކަށް 599 މިލިއަން ރުފިޔާ ސަރުކާރުން އިންވެސްޓްކުރި އެވެ.

ސަރުކާރުގެ ދަރަނި އަދާކުރުމާއި ލޯނު ދޫކުރުމަށް 744 މިލިއަން ރުފިޔާ ވެސް ވަނީ ހަރަދުކޮށްފަ އެވެ.