ގިނަ ބާވަތްތަކެއްގެ މުދަލުން އިމްޕޯޓް ޑިއުޓީ ކަނޑައިލުމަށާއި ބައެއް ބާވަތްތަކުގެ މުދަލުން ޑިއުޓީ ކުޑަކުރަން ހިމަނައިގެން އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ބިލް ފާސްކުރީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

ޑިއުޓީ ކަނޑައިލުމަށް ފާސްކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ޕްލައިވުޑާއި ލަކުޑި އާއި ދަގަނޑާއި ހިލަ އާއި ހިލަ ވެއްޔާއި ސިމެންތި އާއި ބިއްލޫރި އާއި ޓިނާއި އެލްމިނިއަމްގެ ބައެއް ބާވަތްތައް ހިމެނެ އެވެ. އޭގެ އިތުރުން ޕްލާސްޓިކް ހޮޅި އާއި ފިޓިންސް ވެސް ހިމަނާފައިވަނީ އެބައިގެ ތެރޭގަ އެވެ.

އެ ބިލު ފާސްކޮށްފައިވާ ގޮތުން ދަނޑުވެރިކަމަށް އެތެރެކުރާ ބާވަތްތަކާއި ޓޫރިޒަމަށް ބޭނުންކުރާ މުދަލާއި އުޅަނދުފަހަރުގެ އިތުރުން ފަސިންޖަރުން އުފުލާ އުޅަނދު ފަހަރާއި އިގްތިސާދީ މަސައްކަތްތަކަށް ވަގުތީ ގޮތުން ގެންނަ އުޅަނދުފަހަރުން ޑިއުޓީ އެއް ނުނަގާނެ އެވެ. ނަމަވެސް އެފަދަ އުޅަނދު ތަކުން ކޮންމެ އަހަރަކު 10،000ރ. ގެ ފީއެއް ދައްކަން ޖެހޭނެ އެވެ.

މިހާރު 25 ޕަސެންޓްގެ ޑިއުޓީއެއް ނަގާ ތަށިމުށީގެ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރަން ވަނީ ފާސްކޮށްފަ އެވެ. މީގެ އިތުރުން ފަރުނީޗަރާއި ބާލީހާއި ގޮދަޑި އާއި ބޭސް މެޓަލުން ހަދާފައި ހުންނަ ބާވަތްތަކުގެ ޑިއުޓީ ވެސް ފަސް ޕަސެންޓަށް ވަނީ ކުޑަކޮށްފަ އެވެ. އެ ތަކެއްޗަކީ މިހާރު 20 ޕަސެންޓް ޑިއުޓީ ނަގާ ތަކެއްޗެވެ.

ތަރުކާރީ އާއި މޭވާގެ ބާވަތްތަކުން ޑިއުޓީ ނުނެގުމަށް ފާސްކޮށްފައިވީ ނަމަވެސް، ރާއްޖެ އަށް އެތެރެކުރާ ރާއްޖޭގައި އުފެއްދޭ ބާވަތްތައް ކަމަށްވާ، ފަޅޮލާއި ދޮންކޭލާއި ކަރަލާއި އަނބުން ޑިއުޓީގެ ގޮތުގައި 15 ޕަސެންޓް ނެގުމަށް ވެސް ފާސް ކުރި އެވެ.