ސުޕްރީމްކޯޓުގެ ސެކެޓްރީ ޖެެނެރަލް ޑރ. ހަސަން ފާއިޒް މަގާމުން ވަކިކުރަން އުޅޭތީ އެ މައްސަލަ އަންނަ ބުދަ ދުވަހު އޮންނަ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ބައްދަލުވުމަށް އެޖެންޑާކޮށްފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީކް ކޯޓުގެ މަސައްކަތަށް ހުރަސްއަޅައި، ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަންއާ އެއްވެސް މުއާމަލާތެއް ކޮށްފިނަމަ ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދެއްވާފައިވާ ކަމަށް ބުނެ ސިޓީއެއް ޑރ. ފާއިޒްގެ ފަރާތްޕުޅުން ޖޭއެސްސީއަށް ލިބިފައިވާ ކަަމަށެވެ.

އެހެންކަމުން އެ މައްސަލަ ބަލަން އަންނަ ބުދަ ދުވަހުގެ ޖެޭއެސްސީގެ ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ގާނޫނު ތަންފީޒްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދީ ގާނޫނޫ ތަންފީޒްކުރުމަށް ހުރަސް އަޅާ އެއްވެސް ކަމަކަމަށް ޖާގަ ނުދިނުމަށް ޖޭއެސްސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޖޭއެސްސީއަށް ފާޑުވިދާޅުވެ އުއްތަމަފަނޑިޔާރު ނެރުއްވި ބަޔާނުގެ ސަބަބުން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުން އެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރަން ބަހައްޓާފައިވާ ފައިސާ އެ ކޯޓުގެ ހަތަރު ފަނޑިޔާރަކު މެންދުރުގެ ފަރިއްކޮޅަށް ހަރަދު ކުރާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ވެސް ހުށަހަޅާފައިވާ އިރު، އެ ހަތަރު ފަނޑިޔާރުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރުވެސް ހިމެނިވަޑައިގަންނަވަ އެވެ.