މެދު ރާއްޖެތެރޭގެ ރަށެއްގެ މުދިމަކު އޭނާގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އަނިޔާ ލިބުނު ކުދިންގެ ބަޔާންތައް އަލުން ނެގުމަށް ފުލުުހުން މަސައްކަތް ފަށައިފި އެވެ.

މީގެ 13 އަހަރު ކުރިން 2006 ގައި ފެންމަތިވި އެ މައްސަލައިގައި ތުހުމަތުވާ މުދިން މީހާގެ މައްޗަށް ކުރި ދައުވާގެ މައްސަލަ ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކޯޓުން ހުކުމް ކުރީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

އޭނާގެ މައްޗަށް ކުށް ސާބިތު ނުވީ އެކަށީގެންވާ ވަރަށް ހެކި ނެތުމުންނެވެ. އެކަމާ ގުޅިގެން ޖިންސީ ގޯނާގެ ޝިކާރައަކަށްވީ ކުދިންނާއި އެކުދިންގެ އާއިލާތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރި އެވެ.

މިހާރު އެ ކުދިންނަށް ވަނީ 18 އަހަރު ފުރިފަ އެވެ.

އަނިޔާ ލިބުނު ބައެއް އާއިލާތަކުން "ސަން" އަށް ބުނީ، މީގެ ދެ ދުވަސް ކުރިން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ މައްސަލައާ ގުޅިގެން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އޭނާ ބުނީ، އެ މައްސަލައާ ގުޅިގެން އެ ޓީމުން އިއްޔެ އޭނާގެ ބަޔާން ނެގި ކަމަށެވެ. އަދި ބަޔާން ނެގީ ކުދިންގެ މިހާރުގެ ހާލަތު ދެނެގަތުމަށް ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ސުވާލު ކުރިން ކީއް ކުރަން ނަގާ ބަޔާނެއް ހޭ. ބުނީމަ ބުނި، ލައިފް ސަޕޯޓެއް ދޭންށޭ. އަދި ކުދިންގެ މިހާރުގެ ހާލަތު ދެނެގަތުމަށޭ،" އަނިޔާ ލިބުނު ކުއްޖެއްގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ، އެޓީމުން އޭނާގެ ދަރިފުޅުގެ ބަޔާން ނެގުމަށް ވެސް މަސައްކަތް ކުރި ކަ6މަށެވެ. ނަމަވެސް ދަރިފުޅު ބަޔާން ދިނުމަށް ތައްޔާރެއް ނޫން ކަމަށް ބުނުމުން ދަރިފުޅުުގެ ބަޔާން ނުނަގާ ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާގައި ހުކުމް ސާބިތު ނުވީ، ތިން ކުއްޖަކަށް ކުރި ޖިންސީ ގޯނާގެ މައްސަލައަށެވެ. އެނގިފައިވާ ގޮތުގައި މުދިމުގެ ޖިންސީ ޝީކާރައަކަށްވީ ކުދިން ހައަކަށް ވުރެ ގިނަ އެވެ.

މައްސަލައަކީ ހައްސާސީ މައްސަލައަކަށް ވާތީވެ، މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް ނުލިބެއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ.

މުދިމުގެ މައްޗަށް ކުށް ސާބިތު ނުވި މައްސަލަ ދައުލަތުން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްވެސް ކޮށްފަ އެވެ.