ސުކްރޭ (ނޮވެމްބަރު 11) : މެދުތެރޭ އެމެރިކާގެ ގައުމެއް ކަމަށްވާ ބޮލީވިއާގެ ރައީސް އިވޯ މޮރަލެސް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު ބޭއްވި ބޮލީވިއާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދުމާގުޅިގެން ބޮލީވިއާގައި އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ އިޙްތިޖާޖްތައް ދިގުލައިގެން ދިޔުމާއެކު މޮރަލެސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ގައުމު ހަމަނުޖެހުންތަކެއްގެ ތެރެއަށް ވައްޓާލައިގެންވެސް އޭނާ މަގާމުން ދުރުކުރުން ކަމަށާ އެހެންކަމުން ގައުމުގެ ހަމަޖެހުމަށްޓަކައި މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމުގައެވެ.

މަގާމުން އިސްތިއުފާ ދެއްވުމުގެ ސިޓީ ޕާލަމެންޓަށް މިއަދު ފޮނުއްވާނެކަމަށްވެސް މޮރަލެސް ވިދާޅުވިއެވެ. މިދިޔަ އޮކްޓޯބަރު މަހު 20 ވަނަ ދުވަހު ބޮލީވިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ރައީސް މޮރަލެސް އެވެ. ނަމަވެސް އިންތިޚާބުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށްބުނެ ނަތީޖާ ގަބޫލުކުރުމަށް އިދިކޮޅު ލީޑަރު ދެކޮޅުހަފާދައިވާއިރު އިދިކޮޅު ލީޑަރަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ މޮރަލެސްގެ އިސްތިއިފާއަށް ގޮވާލައި އެގައުމުގައި މުޒާހަރާކޮށް ބޮޑެތި ހަމަނުޖެހުންތައް ހިންގަމުންނެވެ.

މުޒާހަރާތައް ދިގުލައިގެން ދިޔުމާއެކު ބޮލީވިއާގެ ސިފައިންވަނީ ގައުމުގެ މުސްތަގްބަލަށްޓަކައި މަގާމުން އިސްތިއުފާ ދެއްވުމަށް މޮރަލިސް އަށް އަންގަވާފައެވެ. އަދި ފުލުހުންވެސް ވަނީ މަގާމުން އިސްތިއުފާ ނުދެއްވާނަމަ މޮރަލިސްގެ އޯޑަރުތަކަށް ކިޔަމަން ނުވާނެކަންވެސް އަންގާފައެވެ.

މީގެ ސާދަ އަހަރު ކުރިން ބޮލީވިއާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެން ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި އިވޯ މޮރަލިސްއަކީ އެގައުމުގެ އަސްލު ރައްޔިތުން ކަމަށްވާ އިންޑިޖިނަސް (ނޭޓިވް ބޮލީވިއަންސް) ދަރިކޮޅުގެ ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި ވަނީ ފަގީރުކަމުގައި އޮތް ބޮލީވިއާ މެދުތެރޭ އެމެރިކާގެ އިތުރުން ދެކުނު އެމެރިކާ ބައްރުގެ އެންމެ ކުރިއަރާފައިވާ އިގްތިސާދަށް ހައްދަވާފައެވެ.

މޮރަލެސްގެ ވެރިކަމުގައި ރައްޔިތުންގެ އަތްމަތި ތަނަވަސްކޮށް އިންފްރާސްޓްރަކްޗާ ވަރުގަދަކޮށް ތަރައްގީގެ ބިޔަ މަޝްރޫއުތައް އާދަޔާ ޚިލާފަށް ކުރިޔަށްގެންގޮސްފައިވެއެވެ. މިއާއެކު ވަޒީފާނެތް މީހުންގެ ނިސްބަތްވެސް އެ މުޅި ސަރަހައްދުގައި އެންމެ ކުޑައީ ބޮލީވިއާގައެވެ. ކުރިން ބޮލީވިއާއަކީ އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައި ތާށިވެ އިގްތިސާދީ ގޮތުން ބަލިކަށި ފަގީރު ގައުމަކަށް ވެފައިވަނިކޮށް މޮރަލެސް ގެ ވެރިކަމުގައި އޭނާވަނީ އެމެރިކާގެ އިގްތިސާދީ އަޅުވެތިކަމާއި ސިޔާސީ ކޮންޓްރޯލުން ގައުމު ސަލާމަތްކޮށް އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބާރުގަދަ މުއްސަނދި ގައުމަކަށް ބޮލީވިއާ ހައްދަވާފައެވެ.

މިކަމުގެ ސަބަބުން އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ ފާޑުކިޔުންތަކާއި ފިއްތުންތަކުގެ ޝިކާރައަކަށް މޮރަލެސް ވެގެންގޮސްފައިވެއެވެ. އިންސާނީ ހައްގުތަކަށް އަރައިގަތުންފަދަ ތުހުމަތުތައް އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން މޮރަލެސްގެ މައްޗަށް ކޮށްފައިވެއެވެ. ނަމަވެސް ރައްޔިތުންގެ ތާއީދު މޮރަލެސް އަށް މިންވަރުގެ ބޮޑުކަމުން އޭނާގެ ވެރިކަމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަން އެމެރިކާއަށްވެސް އަދި ޔޫރަޕްގެ ބާރުތަކަށްވެސް ކެރިފައެއް ނުވެއެވެ.

ބޮލީވިއާގެ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މޮރަލިސް ވިދާޅުވީ އޭނާ މަގާމުން ދުރުކުރުމަށްޓަކައި ހުދު އިންގިލާބެއް ގައުމުގައި ފައްކާވަމުންދާކަމަށާ މަގާމުން އިސްތިއުފާ ދެއްވުމާއެކު އޭނާ ހައްޔަރުކޮށް ޖަލަށްލުމަށް ސިފައިންނާއި ފުލުހުންގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުންވަނީ ރާވާފައި ކަމުގައެވެ.

މޮރަލެސް އާ ދެކޮޅަށް ހިންގާ މިއަމަލުތައް ދެކުނު އެމެރިކާގައި އެމެރިކާގެ ނުފޫޒުން އެއްކިބާވެފައިވާ މުސަތަގިއްލު ސިޔާސަތު ގެންގުޅޭ ގައުމުތަކުގެ ލީޑަރުންވަނީ ކުށްވެރި ކުރައްވާފައެވެ. މިގޮތުން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އާޖެންޓީނާގެ އިންތިޚާބީ ރައީސް އެލްބާޓޯ ފާނަންޑޭޒް އާއި މެކްސިކޯގެ ރައީސް މަނުއެލް ލޮޕޭޒް އޮބަރަޑޯ ވަނީ މޮރަލެސް އަށް ހަމްދަރްދީ ފާޅުކުރައްވައި މޮރަލެސް މަގާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތައް ސިފައިންނާއި ފުލުހުން ގުޅިގެން ގެންނަން މަސައްކަތް ކުރަނީ އިންގިލާބެއް ކަމަށް ސިފަކުރައްވާފައެވެ.

މީގެއިތުރުން މެކްސިކޯއިންވަނީ މޮރަލެސް އާއި އޭނާގެ އާއިލާއަށް ސިޔާސީ ހިމާޔަތް ދިނުމަށްވެސް ހުށަހަޅާފައެވެ. މެކްސިކޯގެ ޚާރިޖީ ވަޒީރު މާސީލިއޯ އެބްރާޑް ވަނީ އޭނާގެ ގައުމަށް އަވަހަށް ވަޑައިގަނެ ހިމާޔަތް ހޯއްދެވުމަށް މޮރަލެސް އަށް ރަސްމީގޮތުން ދަންނަވާފައެވެ. (ނޫސްއެޖެންސީތައް)