21 Nov 2011, 15:53
ފުލުސް ސުޕްރިންޓެންޑެންޓް މުހައްމަދު ޖިނާއާ ދެކޮޅަށް ޣައްސާން މައުމޫން ސިވިލް ކޯޓްގައި ދައުވާކޮށްފި އެވެ.
ސިވިލް ކޯޓުގެ ބޭރުގައި ޣައްސާނުގެ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވިދާޅުވީ ޖިނާހުގެ މައްޗަށް ސިވިލްކޯޓުގައި މަދަނީ ދައުވާއެއް ކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނާއި ޚިލާފަށް ފުލުހުން ޣައްސާން މައުމޫން ހައްޔަރުމުގެ ފުރިހަމަ ޒިންމާ ޖިނާހު ނަންގަވަންޖެހޭތީ އެކަނުން ލިބުނު ގެއްލުންތަކުގެ އަދުލުވެރި ބަދަލު ހޯއްދެވުމަށް ކަމަށެވެ.
"އެންދެރިމާގޭ ކައިރީ އެމްޑީޕީ މީހުން ހިންގި ހަމަނުޖެހުމުގައި ޣައްސާން މައުމޫން ހައްޔަރުކޮށްފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު، އެކަމުގެ ފުރިހަމަ ޒިންމާ ޖިނާހު ފަރުދީ ގޮތުން ނަންގަވަން ޖެހޭނެ،" ވައްޑޭ ވިދާޅުވިއެވެ.
ޕީޕީއެމްގެ ކައުންސިލުގައި ވެސް ހިމެނި ވަޑައިގަންނަވާ ވައްޑޭ ވިދާޅުވީ ޣައްސާން ހައްޔަރުކުރުމުގެ ފުރިހަމަ ޒިންމާ ފަރުދީގޮތުން ޖިނާހު ނަނގަން ޖެހޭއިރު ކަމަށާއި، ގާނޫނު އަސާސީއާއި ގާނޫނާއި ޚިލާފަށް އޭނާ ކުރި ކަންތައްތަކުގެ ސަބަބުން ޣައްސާނަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރީއަތް މެދުވެރިކޮށް ނަގައި ދިނުމަށް ވެސް ދައުވާގައި އެދިފައިވާނެ ކަމަށެވެ.
ފުލުހުން ޣައްސާން ހައްޔަރުކުރުމާއި ގުޅިގެން ޣައްސާން ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ފުލުހުން ޣައްސާން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ޚިލާފަށް ކަމަށެވެ.